about 2 hours 0
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
about 2 hours 0
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ސުލުހައިގެ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ އާދިއްތަ ދުވަހު އެމެރިކާގެ ފްލޮރިޑާގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒެލެންސްކީ ވިދާޅުވީ، އެމެރިކާ އާއި ޔޫކްރެއިން ގުޅިގެން އެކުލަވާލާފައިވާ 20 ނުކުތާގެ ސުލުހައިގެ ޕްލޭންގެ 90 ޕަސެންޓު މިހާރު އޮތީ ނިމިފައި ކަމަށެވެ. އަދި އާ އަހަރު ފެށުމުގެ ކުރިން ގިނަ ކަންތައްތަކެއް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުލުހައިގެ ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިން އިން ނޭޓޯގެ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތް ދޫކޮށްލުން ހމެނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ނޭޓޯގެ މެންބަރު ގައުމުތަކަށް ލިބޭ ފަދަ ވަރުގަދަ ސަލާމަތީ ރައްކާތެރިކަން ޔޫކްރެއިންއަށް ކަށަވަރުކޮށްދިނުން ހިމެނެ އެވެ.
ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަކީ "ފްރީ އިކޮނޮމިކް ޒޯން" ނުވަތަ އަސްކަރީ އެއްވެސް ބާރެއް ނެތް އިގްތިސާދީ ސަރަހައްދުތަކަކަށް ހެދުމާއި ގައުމުގެ ބޯޑަރަށް ބަދަލު އަންނަ ފަދަ އެއްވެސް ނިންމުމެއް ނިންމާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީއާއެކު ބާއްވާ ބައްދަލުވުމާ މެދު އުންމީދު އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ޒެލެންސްކީ ހުށަހަޅާ އެއްވެސް ކަމެއް އެމަނިކުފާނު ގަބޫލުކުރައްވަންދެން އެއީ ނިމިފައިވާ ކަމެއް ނޫން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިންއާ ވެސް ވަރަށް އަވަހަށް ވާހަކަ ދައްކަވާނެ ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމަކީ ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Comment