about 2 hours 1
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު އާއި ބައެއް ވަޒީރުން ކެބިނެޓު ބައްދަލުވުމެއްގައި --- ފޮޓޯ: ރައީސް އޮފީސް
about 2 hours 1
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކަކާއި ލުއިތަކެއް ދޭން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިއްޔެގެ ކެބިނެޓު ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ ރައީސް މުހައްމަދު މުއިއްޒު ކަމަށެވެ.
"ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ އެސްއެމްއީޒް އަށް. ސްޓާޓަޕް އަށް. ކުދި ވިޔަފާރިތަކަށް، ހާއްސަ އިނާޔަތްތަކެއް ދެއްވަން. ހާއްސަ ލުއިތަކެއް ދެއްވަން ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާ ދެ އަހަރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވާފަ،" ސައީދު ވިދާޅުވި އެވެ.
މި ލުއިތަކުގެ ތެރޭގައި ޑިސެމްބަރު 17، ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ހުރިހާ ކަމެއް ހިމެނޭނެ ކަަމަށް ވެސް ސައީދު ފާހަގަކުރެއްވި އެވެ.
"އޭގެ ވެސް އިތުރަށް ކަންތައް ހަމަ ސަރުކާރާއި، މީރާ، ކަސްޓަމްސް، ޕޯޓު، އެއާޕޯޓު، އެއީ މަތިން އުފުލާ މުދަލާއި ކާގޯ އާއި އެކިއެކި މުދަލުގެ ބާވަތްތަކާއި އަދިވެސް ވިޔަފާރިއަކާ ގުޅުން ހުންނާނެ ހުރިހާ ދާއިރާއެއްގެ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން މި ދެންނެވި ވިޔަފާރިތަކުން ގެނައި މައްސަލަތަކާއި އޭގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ ކަންތައްތައް ވެސް އެޑްރެސް ކުރެވޭނެ ދެ އަހަރުގެ ގޮތުގަ އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަަހަރު ވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި 595 އެސްއެމްއީ އަކަށް 349 މިލިއަން ރުފިޔާ ބިޒްނަސް ސަޕޯޓު ނުވަތަ ލުއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ސައީދު މިއަދު އިއުލާނުކުރެއްވި އެވެ.
ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަންބޮޑުވުމަކީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކެވެ. އެ ބިލުތަކަށް އަރާ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެންމެ ފަސްވެގެން ބާކީ ހުރި ފައިސާ ރޯދަމަހާ ހަމައަށް ދާއިރު ކްލިއާ ކޮށްލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިގޮތަށް ބިލްތައް ހަމަޖައްސާއިރު، މީރާއަށް ދައްކަން ހުރި ފައިސާއަށް ވެސް ހައްލެއް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން، އޮކްޓޯބަރު 2 ވަނަ ދުވަހު ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ހުރިހާ ބިލެއް ފަސް ހަފުތާ ތެރޭގައި ދައްކައި ނިންމާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ.
އެ ފަހަރު ފައިސާ ނުދެއްކޭނެކަން ކަށަވަރުވުމުން، ރައީސް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަސް ހަފުތާ ތެރޭ ފައިސާ "ދޭން ފަށާނެ" ވާހަކަ ކަމަށެވެ.
އެހެންނަމަވެސް، ރައީސްގެ އަސްލު ޕޯސްޓާއި، ލ. ފޮނަދޫގައި ދެއްކެވި ވާހަކަފުޅުތަކުގެ ރެކޯޑިންތަކުން ސާފުވާ ގޮތުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް ހަފުތާ ތެރޭގައި ފައިސާ ދައްކައި "ނިންމާނެ" ކަމަށެވެ.
Comment