about 2 hours 0
މުހައްމަދު ޝަހްޒާން
މާލޭގެ ބާޒާރުމަތި -- ފޮޓޯ: އަދަދު
about 2 hours 0
ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ނުފެތުރުމަށް އިލްތިމާސްކޮށް، އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލާއިންސާނީ އަމަލުތައް ހިންގާ ވީޑިއޯތައް އާންމު ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި، ކުށުގެ ތުހުމަތު ކުރެވޭ މީހުންނާމެދު ލާއިންސާނީ އަމަލު ނުހިންގުމަށް ވެސް އެ ކޮމިޝަނުން ގޮވާލައިފައިވެ އެވެ.
"ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގެކެވެ. އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި ބިރުވެރިކަން އުފެދޭނެ ކަމެކެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމްއިން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ މާލޭގެ ބާޒާރުމަތިން ވައްކަން ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމުންނެވެ. ގިނަ ބަޔަކު އެ ވީޑިއޯ ދައުރުކުރަމުންދާއިރު، އެއް ބަޔަކު ދަނީ އެކަމާ ނުރުހުން ވެސް ފާޅުކުރަމުންނެވެ.
އެއްވެސް މީހެއްގެ ގައިގައި އެހެން މީހަކު ގާނޫނީ ބާރުވެރިކަމެއް ލިބިގެން މެނުއީ ޖެހުމަކީ ނުވަތަ އަނިިޔާ ކުރުމަކީ ޖިނާއީ ކުށެކެވެ.
ތުހުމަތު ކުރެވޭ މީހުންނަށް އަމިއްލައަށް އަދަބު ދިނުމަކީ ގާނޫނުގެ ބާރު ކެނޑި ބަދަލުހިފުމުގެ ސަގާފަތެއް އުފެދިގެން ދިޔުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި، އަނިޔާވެރި އަމަލުތައް ފެންނަ ވީޑީއޯތައް ފެތުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި އިންސާނިއްޔަތުކަން ގެއްލިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމްއިން އިލްތިމާސް ކޮށްފައި ވަނީ ކުށެއްގެ ތުހުމަތު މީހަކަށް ކުރެވިއްޖެ ނަމަ، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށެވެ. އަދި، އެފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
Comment