Advertisement

ވެމްކޯގެ މަސައްކަތުގެ މާހައުލު ރައްކާތެރިތޯ ބެލުމަށް އެޗްއާރްސީއެމްއިން އަވަސް ތަހުގީގެއް ފަށަނީ

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެޗްއާރްސީއެމް


ވެމްކޯގެ މަސައްކަތުގެ މާހައުލު ރައްކާތެރިތޯ ބެލުމަށް އެޗްއާރްސީއެމްއިން އަވަސް ތަހުގީގެއް ފަށަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަކުރާރުކޮށް މައްސަލަތައް ކުރިމަތިވަމުންދާތީ، އެކަން ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަވަސް ތަހުގީގެއް ހިންގަން ނިންމައިފިއެވެ.

ރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި މިގޮތަށް ނިންމީ، ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ ސަލާމަތާ މެދު ސުވާލު އުފެދޭ ތިން ހާދިސާއެއް ހިނގާފައިވާތީ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

މި ހާދިސާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީގައި ކުނި ނަގަން އުޅުމުގެ ތެރޭގައި ހައިމާކެއްގެ ދަތްގަނޑުން ޖެހި، ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާއެވެ.

މި މައްސަލައިގައި ވެމްކޯގެ އިހުމާލެއް އޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކުރީވެސް ދެ ދުވަސް ފަހުންނެވެ. ނަމަވެސް، ރިޕޯޓުކުރުން އެހާ ބޮޑަށް ލަސްވި ސަބަބެއް އެ ކުންފުނިން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ.

މި ތަހުގީގަކީ މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތައް ދެނެގަނެ، މުވައްޒަފުންގެ ހައްގުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމްއިން އަޅާ ފިޔަވަޅެކެވެ.