24 ޑިސެންބަރު 2025 - 12:08 0
24 ޑިސެންބަރު 2025 - 12:08 0
އަލްޒައިމާ ބަލި ނުވަތަ ހަނދާން ބަލިވުމުގެ ބަލި ޖައްސާ މައިގަނޑު ސަބަބުކަމަށް ބެލެވޭ، ވަރަށް ވިހަ ގަދަ ޕްރޮޓީނެއް ދެނެގަނެވި، އެ ޕްރޮޓީނާ ދެކޮޅަށް މަސައްކަތްކުރާނެ އެކަށީގެންވާ ފަރުވާއެއް މިހާރު ހޯދިފައިވާ ކަމަށް، ނޯތުވެސްޓަން ޔުނިވަސިޓީގެ ސައެންސްވެރިން ބުނެފި އެވެ.
ދާދި ފަހުން ކުރި ދިރާސާއަކަށް ފަހު އެ ޔުނިވަސިޓީގެ ސައެންސްވެރިން ބުނެފައިވަނީ މިހާރު އަޖުމަބެލުމުގެ މަރުހަލާގައިވާ، އަލަށް އުފެއްދި ބޭހަކީ ހަނދާން ބަލިވުމުގެ ބަލި ޖެހޭތާ ކުރީކޮޅުގައި ބަލިމީހާއަށް ދެވިއްޖެ ނަމަ، އެ ބަލީގައި ބޮޑުވަރު ވުމުގެ ކުރިން ބަލި ފަސޭހަ ކުރެވިދާނެ ބޭހެއް ކަމަށެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ހަނދާން ބަލިވާ ބަލި ޖައްސާ މައިގަނޑު މާއްދާއަކީ ސިކުނޑީގައި އުފެދޭ ޕްރޮޓީނެއް ކަމަށްވާ އެމަލޮއިޑް ބީޓާ އޮލިގޮމާސް އެވެ. މިއީ ސިކުނޑީގެ ބައެއް މަސައްކަތްތައް އޮޅުންބޮޅުންކޮށްލުމުގެ ގާބިލުކަން ލިބިގެންވާ، ވަރަށް ވިހަ ގަދަ ޕްރޮޓީނެކެވެ. މި ޕްރޮޓީންގެ ބާރު ކަނޑުވައިލުމަށް ސައެންސްވެރިން އީޖާދުކުރި އައު ބޭހަށް ދީފައިވާ ނަމަކީ، އެންޔޫ-9 (NU-9) އެވެ.
އަޖުމަ ބެލުމުގެ ގޮތުން ލެބޯޓެރީގައި ކުރި ދިރާސާގައި ބޭނުންކުރީ އަލްޒައިމާ ބަލި ޖައްސާފައިވާ މީދަލެވެ. މީދަލަށް މި ބޭސް ދިނުމުން، އެމަލޮއިޑް ބީޓާ އޮލިގޮމާސް ޕްރޮޓީންގެ ސަބަބުން އެސޮރުމެންގެ ސިކުނޑިއަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. މީދަލުގެ ސިކުނޑިން ފެނުނު މި ނަތީޖާއަށް ބުރަވެ، ސައެންސްވެރިން ބުނާ ގޮތުގައި އެންޔޫ-9 ދިނުމުން، އިންސާނުންގެ ސިކުނޑީގައި ހުންނަ އެމަލޮއިޑް ބީޓާ އޮލިގޮމާސް ޕްރޮޓީންގެ ބާރު ކެނޑި، އަލްޒައިމާ ބަލިން ސަލާމަތް ސަލާމަތް ކުރެވިދާނެއެވެ. ނުވަތަ އެ ބަލީގެ ސަބަބުން ހަނދާން ނެތުމުގެ މައްސަލަ ލަސްކުރެވިދާނެއެވެ.
މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު ސައެންސްވެރިން ބުރަވަނީ، މި ބޭހުން ފަރުވާ ކުރުމުގައި އެންމެ މުޖައްރިބު ގޮތަކަށް ވާނީ، ބަލި ޖެހޭތާ ވީހާ ކުރީކޮޅު މި ބޭހުން ފަރުވާ ކުރަން ފެށުމެވެ. ވަކިން ހާއްސަކޮށް، އަލްޒައިމާ ބަލީގެ ސަބަބުން ހަނދާން ނެތެން ފެށުމުގެ ކުރިން މި ބޭހުން ފަރުވާ ކުރެވިއްޖެއްޔާ، ބަލިން މުޅިން ފަސޭހަވުމުގެ ފުރުސަތު އޮތް ކަމަށް ސައެންސްވެރިން ބުރަވެއެވެ.
އަލްޒައިމާ ބަލީގެ އަލާމާތްތައް ފާޅުވާން ފެށުމުގެ އެތައް އަހަރެއް – ވިހި ތިރީސް އަހަރު – ކުރިން، މި ބަލި ސިކުނޑީގައި އާލާވާން ފަށައެވެ. މި ބަލި ޖެހުމުން ނިއުރޯންތަކުގެ އަޑީގައި އެމަލޮއިޑް ބީޓާ އޮލިގޮމާސް ޕްރޮޓީންގެ ސެލްތައް ހާލި ހަދައި ގިނަވެގަނެއެވެ. ނަތީޖާއަކަށް ވަނީ، ހަނދާން ބަލިވާކަން ފާހަގަވާން ފެށުމުގެ އެތައް އަހަރެއް ކުރިން، ގްލިއަލް ސެލްތައް ހީވާގިކަމާއެކު ހަރަކާތްތެރިވާން ފެށުމެވެ. ގްލިއަލް ސެލްތަކަކީ ނިއުރޯންތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން އަދި އެހީތެރިކަމާއި ފުރިހަމަކަން ގެނެސްދިނުމުގައި ބައިވެރިވާ، ނިއުރޯންގެ ބޭރުގައި އުޅޭ ސެލްތަކެކެވެ.
ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ މާ ކުރިން، ނިއުރޯންތަކަށް މި ޕްރޮޓީންތައް ހަމަލާ ދިނުމުގެ ސަބަބުން، ބަލީގެ އަލާމާތްތައް ފެންނަ އިރު ހުންނަނީ މާ ބޮޑަށް ވަގުތު ފާއިތުވެފައެވެ. އަލްޒައިމާ ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތްތައް މިހާތަނަށް ކާމިޔާބު ނުވަނީ މި ސަބަބާ ހުރެ ކަމަށް ސައެންސްވެރިން ލަފާކުރެއެވެ. އެހެނީ، މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުން އައީ ބަލީގެ އަލާމާތްތަކަށް ބަލައިގެންނެވެ.
Comment