about 3 hours 0
about 3 hours 0
ބައްޔަކަށް ބޭހެއް އީޖާދުކޮށް އުފެއްދުމަށް މަދުވެގެން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އަދި އެކަމަށް އެވްރެޖް ގޮތެއްގައި 107 ބިލިއަން ޑޮލަރު ހޭދަވާއިރު، އެހާ ބުރަ މަސައްކަތުން އީޖާދުކުރާ ބޭސް ކާމިޔާބު ނުވެ ފެއިލްވުމުގެ ނިސްބަތް އުޅެނީ 90 އިންސައްތައިގައެވެ.
އެކަމުން މިންޖުވުމަށްޓަކައި، ފާމަޝޫޓިކަލް އިންޑަސްޓްރީގެ ކުންފުނިތަކުން އާޓިފިޝަލް އިންޓެލިޖެންސްއަށް އިންވެސްޓުކުރުން ވަނީ އެތައް ގުނައެއް އިތުރުކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރު، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެއްވެސް ބޭހެއް އީޖާދުކޮށް ބާޒާރަށް ނެރެވޭ ވަރެއް ނުވެއެވެ.
މި އިންތިޒާރަށް ނިމުމެއް ގެންނާނެ ކަމަށް ސައެންސްވެރިންގެ ހިތުގައި މިހާރު އުފެދިފައި އޮތް އުންމީދަކީ، އިންސިލިކޯ މެޑިސިންގެ ފަރާތުން އުފައްދައި އަޖުމަ ބެލުމަށް ތައްޔާރުވަމުން އަންނަ ރެންޓޯސާޓިބް (Rentosertib) ކިޔާ ބޭހެވެ. މިއީ ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ އިޑިއޯޕެތިކް ޕުލްމޮނަރީ ފައިބްރޯސިސް އަށް ފަރުވާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުފައްދާފައިވާ ބޭހެކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި މި ބޭސް ބާޒާރަށް ނެރުމުގެ ކުރިން، އަޖުމަ ބެލުމުގެ ގޮތުން ކަޑައްތުކުރަންޖެހޭ 18 މަސް ދުވަހުގެ މަރުހަލާ ފެށުމަށް މިހާރު ވަނީ ކުޑަތަންވެފައެވެ. އޭއައިގެ އެހީގައި މި ބޭސް އީޖާދުކުރުމަށް 85.5 މިލިއަން ޑޮލަރު އިންވެސްޓުކުރި ކަމަށް ޕްރެސީޑެންސް ރިސާޗް އިން ބުނެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި ބޭސްވެރިކަމުގެ ކަންކަމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް އިންވެސްޓުކުރާ މިންވަރު، 2026 ވަނަ އަހަރު 2.3 ބިލިއަން ޑޮލަރަށް އަދި 2034 ވަނަ އަހަރު 15 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ތަރައްގީވެ ބޭސްވެރިކަމުގެ ދިރާސާގެ މަސްރަހު ފުޅާވުމުން، ބޭސްވެރިކަމުގެ އީޖާދީ ފުރުސަތުތައް ގިނަވެފައި ސައެންސްވެރިންގެ ކުރިމަތީގައި ހުރި އިޚްތިޔާރުތައް ވެސް އެހާ ގިނައެވެ. އެހެންކަމުން، ބަޔޯމެޑިކަލްގެ ދިރާސާތައް އަވަސްވެފައި، ނަތީޖާ ހާސިލުކުރެވޭ މިންވަރު ވެސް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
އިޑިއޯޕެތިކް ޕުލްމޮނަރީ ފައިބްރޯސިސް އަށް ފަރުވާ ކުރުމަށް، އިންސިލިކޯ މެޑިސިންގެ ފަރާތުން އުފެއްދި ރެންޓޯސާޓިބް (Rentosertib) ކިޔާ ބޭސް މިހާރު ވަނީ ލެބޯޓަރީގެ އަޖުމަ ބެލުމުގެ މަރުހަލާ އެންމެ ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިން މިފަދަ އަޖުމަބެލުންތަކަށް ނަގާ މުއްދަތާ އަޅައި ބަލާއިރު، ދެ އަހަރަކީ ވަރަށް ކުރު މުއްދަތެކެވެ.
އަޖުމަ ބެލުމުގެ ދެ ވަނަ މަރުހަލާގައި، 71 ބަލިމީހަކަށް މި ބޭސް ދިނުމުން، އެމީހުންގެ ފުއްޕާމޭގެ މަސައްކަތް ކުރިއަށް ވުރެ ރަނގަޅުވިކަން ފާހަގަކުރެވުނެވެ. އަދި މި ބޭހުގެ ސަބަބުން ކުރިމަތިވާ ސައިޑް އިފެކްޓްތައް ވެސް ވަރަށް ކުޑައެވެ. އެހެންކަމުން، މި ބޭސް ދެން ކުރިމަތިލާނީ އަޖުމަ ބެލުމުގެ ތިން ވަނަ މަރުހަލާއާ އެވެ.
އެމެރިކާގައި ރަޖިސްޓްރީކޮށް ހިންގާ، ބޭސްވެރިކަމުގެ ކުންފުންޏެއް ކަމަށްވާ އެލީ ލިލީގެ ސީއީއޯ ޑިއޮގު ރާއޯ ވިދާޅުވާ ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް ކިތަންމެ ތަރައްގީވެފައި ވިޔަސް، ބޭސްވެރިކަމުގެ ދިރާސާތަކުގައި ސައެންސްވެރިން އަދާކުރާ ދައުރު ހުއްޓުމަކަށް ނާދެއެވެ. ބޭސް އުފެއްދުމުގައި ފުރިހަމަކުރަންޖެހޭ ކްލިނިކަލް ޓްރަޔަލްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު ވަކި އިމެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ބޭސްވެރިކަމުގެ ސިނާއަތުގައި ވަޒީފާތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިއްޖެއެވެ.
Comment