Advertisement

ކިމްޗީ ކެއިންތަ! ދިފާއީ ނިޒާމު ވަރުގަދަކޮށްދޭނެ.

24 ޑިސެންބަރު 2025 - 12:08 0


ކިމްޗީ ކެއިންތަ! ދިފާއީ ނިޒާމު ވަރުގަދަކޮށްދޭނެ.

24 ޑިސެންބަރު 2025 - 12:08 0

ކިމްޗީއަކީ ސައިޑް ޑިޝްއެއްގެ ގޮތުގައި ބޭނުންކުރާ، ކޮރެއާގެ ވަރަށް މަޝްހޫރު ކެއުމެކެވެ. މިއީ ނާޕާ ކެބެޖް (ޗައިނީޒް ކެބެޖް) ނުވަތަ ރެޑިޝްގައި، ލޮނުމެދާއި އިނގުރާއި ސްކޭލިއަން (ގްރީން އަނިއަން) އަދި މުގުރި ހިކި މިރުސް އަޅައި ކަމީރުކޮށްގެން ހަދާ ކުޅި އަދި ހުތްފޮނި ކެއުމެކެވެ.

ނޭޗާ ޕޯޓްފޯލިއާ ޖާނަލް (އެންޕީޖޭ)ގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ސައެންސްވެރިން ބުނެފައިވަނީ، މެދުނުކެނޑި 12 ހަފުތާ ވަންދެން ދުވާލަކު އެއް ފަހަރު ކިމްޗީ ކެއުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު، ފުރިހަމައަށް މަސައްކަތް ކުރުމަށް އެހީވެދޭ ކަމަށެވެ. ލެބޯޓެރީގައި ކުރި ތަހުލީލުތަކުން އެނގުނު ގޮތުގައި 12 ހަފުތާ ވަންދެން ކިމްޗީ ކެއުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުން ކުރާ ބޭކާރު މަސައްކަތްތައް ހުއްޓުވައި، ދިފާއީ މަސައްކަތްތައް ބަރާބަރަށް ކުރުމަށް މަގުފަހިކޮށްދެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ކިމްޗީ ކެއުމަކީ ގޮހޮރުގައި ހުންނަ ކާއެއްޗެހިން ހަކަތަ އުފެއްދުމުގެ ނިޒާމުގެ މަސައްކަތަށް ވެސް އިތުރު ހިއްވަރެއް ލިބޭ ކަމެކެވެ. މިއީ ކިމްޗީ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކުރާ އަސަރުތައް ދެނެގަތުމަށް މިހާތަނަށް ކުރި ފުރަތަމަ ދިރާސާއެވެ. މިއިން އެނގުނީ، ޕްރޯބަޔޮޓިކްސް (ރަނގަޅު ބެކްޓީރިއާ އާއި ޔީސްޓް) އިން މުއްސަނދި، ކަމީރު (ފާމެންޓް) ކުރި ކާއެއްޗެހިން، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެވެ.

މި ދިރާސާގެ ނަތީޖާއަށް ބުރަވެ ސައެންސްވެރިން ބުނާ ގޮތުގައި ކިމްޗީ ފަދަ ކަމީރުކޮށްފައި ހުންނަ ތަރުކާރީ ކެއުމުން ބަނޑުގެ ބެކްޓީރިއާތައް އެކުލެވިގެންވާ ގޮތް ރަނގަޅުކޮށް ހަރުދަނާ ކޮށްދެއެވެ. އަދި އިރިޓެބަލް ބައުލް ސިންޑްރޯމް (އައިބީއެސް)ގެ އުނދަގޫތައް ފިލައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީވެދީ އިތުރު ސިއްހީ ފައިދާޓައް ވެސް ލިބެއެވެ.

12 ހަފުތާގެ މުއްދަތަށް ކުރި މި ދިރާސާގައި ބައިވެރިކުރީ ހަށިގަނޑު ފަލަ (އިސްކޮޅާއި އުމުރާ ނުގުޅޭ މިންވަރަށް ފަލަ) 13 މީހެކެވެ. އެ މީހުން ތިން ގުރޫޕަކަށް ބަހާލައި، އެއް ބަޔަކަށް ދިނީ، ގުދުރަތީ ގޮތުން ކަމީރުވެފައި ހުރި ކިމްޗީ އިން ތައްޔާރުކޮށްފައި ހުރި ކިމްޗީ ޕައުޑަރު (ކިމްޗީ ފުށް) އެވެ. އަނެއް ބަޔަކަށް ދިނީ ސްޓާޓާ ކަލްޗާއިން ކަމީރުވެފައި ހުރި ކިމްޗީން ތައްޔާރުކުރި ކިމްޗީ ފުށެވެ. އަދި ތިން ވަނަ ގުރޫޕަށް ދިނީ ބަލާބެލުމަށް ކިމްޗީ ކަމަށް ފެންނަ، ނަމަވެސް ކިމްޗީ ނުހިމެނޭ ކެއުމެކެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި 12 ހަފުތާ ވަންދެން ކޮންމެ ދުވަހަކު އެއް ފަހަރު ކިމްޗީ ކެއުމުން، އެމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުގެ މަސައްކަތް އެތައް ގުނައެއް އިތުރުވިއެވެ. އަދި ހަށިގަނޑަށް ނުރައްކަލެއް ކަމަށް ފެންނަ ތަންތަން ފާހަގަކުރުމުގެ ގާބިލުތަކަން ދިފާއީ ސެލްތަކުގައި އިތުރުވެ، ދިފާއީ ސެލްތަކުގެ ސަމާލުކަން އިތުރުވެގެންދެއެވެ.

މިއީ ވަރަށް ކުޑަ ގޮތަކަށް، މަދު ބަޔަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކަށްވާތީ، މި ދިރާސާއިން ނުކުތް ނަތީޖާއަކީ ކޮންމެ މީހަކަށް ހާސިލުކުރެވޭނެ ނަތީޖާއަކަށް ނުވެދާނެއެވެ. އެހެން ވިޔަސް، މިއީ ކިމްޗީ ފަދަ ކަމީރުކުރި ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ ސިއްހީ ދުޅަހެޔޮކަން އިތުރުވާނެ ކަމެއްކަމަށް ބެލެވެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ކިމްޗީ ކެއުމުން، ހަށިގަނޑުގައި ހުންނަ އެންޓިޖީން-ޕްރެސެންޓިން ސެލް (އޭޕީސީ)ތަކުގެ މަސައްކަތް ވަރުގަދަކުރުމަށް އިތުރު ބާރަކަށްވެއެވެ. އޭޕީސީތަކަކީ، ހަށިގަނޑަށް އެތެރެވާ ބީރައްޓެހި ދިރޭތަކެތި – ބެކްޓީރިއާ، ވައިރަސް ފަދަ.... – ފާހަގަކޮށް ދެނެގަތުމުގެ މަސައްކަތް، ދިފާއީ ނިޒާމުގެ ތެރޭގައި ހިންގާ ސެލްތަކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ކިމްޗީ ކެއުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތް ހަމައެކަނި ހަރުދަނާ ވަނީކީ ނޫނެވެ. އޭގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަރާބަރަށް މަސައްކަތް ކުރުމަށް ވެސް އެހީތެރިވެދެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމުގައި އެކުލެވޭ ސެލްތަކުގެ ތެރެއިން ވަރަށް ގިނަ ސެލްތައް ހުންނަނީ ހަޖަމުކުރުމުގެ ނިޒާމުގެ ގުނަވަންތަކުގައި – ބަނޑު، ހިމަ ގޮހޮރު، ފަލަ ގޮހޮރު، ފުރަގަސްފަރާތް – ކަމަށްވާއިރު، ކިމްޗީ ފަދަ ކަމީރުވެފައި ހުންނަ ކާނާ ކެއުމުން ދިފާއީ ނިޒާމު ވަރުގަދަވާނެ ކަމަށް ބުއްދީގެ ހަމަތަކުން ގަބޫލުކުރެވެއެވެ.