Advertisement

ބެލެނިވެރިޔަކު ނެތި ހޮސްޕިޓަލަށް ގެންދާ މީހުން އިތުރުވާތީ ދެ މިނިސްޓްރީއެއް ހާޒިރުކޮށްދޭން އެދިއްޖެ

މާލޭގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް


ބެލެނިވެރިޔަކު ނެތި ހޮސްޕިޓަލަށް ގެންދާ މީހުން އިތުރުވާތީ ދެ މިނިސްޓްރީއެއް ހާޒިރުކޮށްދޭން އެދިއްޖެ

ބެލެނިވެރިޔަކު ނެތި ހޮސްޕިޓަލަށް ގެންދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަފާތު އެކި މައްސަލަތައް ދިމާވަމުންދާތީ ދެ މިނިސްޓްރީއެއް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގާ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

މި މައްސަލާގައި ކުޑޫ ވަނީ ސޯޝަލް އެންޑް ޑިވެލޮޕްމަންޓު މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިފަ އެވެ. އެކަމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ.

ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ގެއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ނަގާނެ ފަރާތެއް ނެތުމުގެ ސަބަބުން، ބަލިމީހުން ގިނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެ ތިބެން ޖެހޭ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

"މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެނދުމަތިކުރެވޭ ހާލަތުގައި، ބެލެނިވެރިއަކު ނެތުމުގެ ސަބަބުން، ބައެއް ފަހަރު ހޮސްޕިޓަލްގެ މާހައުލުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން އެފަދަ ބަލިމީހުން ކޮންޓްރޯލް ކުރަން އުނދަގޫވާ ހާލަތްތައް މެދުވެރިވުން،" އޭގެ ސަބަބުން އުފެދޭ މައްސަލައެއްގެ ގޮތުގައި ކުޑޫ ފާހަގަކޮށްފައިވެ އެވެ.

ބެލެނެވިރަޔަކު ނުހުންނާނީ އެފަދަ މީހުން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ވޯޑުގައި ބައެއް ފަހަރު އެ މީހުން ގަވާއިދާ ހިލާފަށް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ކަންބޮޑުވުން ވެސް ކުޑޫ ވަނީ ހިއްސާކޮށްފަ އެވެ.

ހަމައެހެންމެ، ބަލިމީހާއަށް ފަރުވާ ދިނުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އާއިލާއިން މީހަކު ނުހުންނަ ކަމަށް ކުޑޫ ބުނެފައިވެ އެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި ތިބޭ މުވައްޒަފުންގެ ޒިންމާ އަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވާއިރު، މިފަދަ ކަންކަން ހިނގުމަކީ އެކަށީގެންވާ ޙިދުމަތްތައް ފޯރުކޮށްދިމުނަށް ހުރަސް އެޅިގެންދާނޭ ކަންކަން ކަމަށް ކުޑޫ ބުނެފައިވެ އެވެ.