about 5 hours 0
އިޒްރޭލް ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމައްލާގައި ހުންނަ އަލް ޖަޒީރާގެ އޮފީސް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންދުކުރަން ޖެހުނު
about 5 hours 0
އިޒްރޭލްގައި ހަރަކާތްތެރިވާ ބޭރުގެ ބްރޯޑްކާސްޓަރުންގެ މަސައްކަތް ހުއްޓުވައި، އެތަންތަން ބަންދުކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް ހަދާފައިވާ ގާނޫނުގެ މުއްދަތު އެގައުމުގެ ޕާލަމެންޓުން އިތުރުކޮށްފި އެވެ.
މި ބިލު ފާސްކޮށްފައިވަނީ 22 ވޯޓު 10 ވޯޓުންނެވެ. މިއީ ގައްޒާ ހަނގުރާމައާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފެންނަ މީޑިއާތައް ބަންދުކުރުމަށް ވަގުތީ ގޮތުން ދީފައިވާ ބާރުތައް ފުޅާކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މި ބަދަލާއެކު، ސުލްހައިގެ ވަގުތުތަކުގައި ވެސް އަދި ކޯޓު އަމުރަކާ ނުލައި ވެސް، ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ބޭރުގެ މީޑިއާތައް ބަންދުކުރުމުގެ ބާރު ލިބިގެންދާނެ އެވެ.
"އަލް ޖަޒީރާ ލޯ" ގެ ނަމުން މަޝްހޫރުވެފައިވާ މި ގާނޫނު ބޭނުންކޮށްގެން، 2024 ވަނަ އަހަރުގެ މެއި މަހު އިޒްރޭލުން ވަނީ އަލް ޖަޒީރާގެ އޮފީސްތައް ބަންދުކޮށް، އެ ޗެނަލްގެ ބްރޯޑްކާސްޓިން ހުއްޓުވާފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ގަތަރުގެ މި ޗެނަލްއަކީ އިޒްރޭލާ ދެކޮޅު، އަދި ހަމާސްއަށް ވާގިވެރިވާ ޗެނަލެކެވެ.
ނަމަވެސް އަލް ޖަޒީރާއިން މި ތުހުމަތުތައް ދޮގުކޮށް، އިޒްރޭލުގެ މި އަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ކުށްވެރިކޮށްފައިވެއެވެ.
އިޒްރޭލްގެ އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން ބުނެފައިވަނީ މި އަމުރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސްއަޅާ، އަދި އިޒްރޭލްގެ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ގޮތްގޮތަށް ގެނެސްދޭ ހަބަރުތައް ރައްޔިތުންނަށް ލިބުނަ ނުދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ބޭރުގެ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގާނޫނު ފާސްކުރިތާ ގަޑިއިރުތަކެއް ފަހުން، އިޒްރޭލްގެ ކެބިނެޓުން ވަނީ އެ ގައުމުގެ ދިފާއީ ވުޒާރާއިން ހިންގާ "އާމީ ރޭޑިއޯ" ހުއްޓާލުމަށް ވެސް ނިންމާފައެވެ.
Comment