Advertisement

އޭއެފްސީގެ ނިންމުމަކާ ހެދި މިލާން-ކޯމޯ މެޗު އޮސްޓްރޭލިއާގައި ނުކުޅެވުނު

about 2 hours 0

ކޯމޯގެ ފޯވާޑް މޮރާޓާ، މި ސީޒަނުގެ މެޗެއްގެ ތެރެއިން.---


އޭއެފްސީގެ ނިންމުމަކާ ހެދި މިލާން-ކޯމޯ މެޗު އޮސްޓްރޭލިއާގައި ނުކުޅެވުނު

about 2 hours 0

ޕާތު، އޮސްޓްރޭލިއާ (ޑިސެމްބަރު 23) - އިޓާލިއަން ލީގުގައި އޭސީ މިލާނުން އަންނަ ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން ނިންނި ނިންމުން ކެންސަލްކޮށްފި އެވެ..

މިއީ، ޔޫރަޕްގެ ވަރުގަދަ ލީގެއްގެ މެޗެއް ޔޫރަޕުން ބޭރުގައި ކުޅެން ނިންމައި، ކެންސަލްކުރަން ޖެހުނު ދެ ވަނަ ފަހަރެވެ. ސަޕޯޓަރުންނާއި ޓީމުތަކުގެ ޕްރެޝަރާ ހެދި، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރާ މެޗެއް އެމެރިކާގެ މިއާމީގައި ކުޅެން ނިންމި ނިންމުން ލަލީގާ އިން ކެންސަލްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އަންނަ އަހަރު ފެބްރުއަރީ ހަ ވަނަ ދުވަހު، ވިންޓަ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. އެ ދުވަހު މިލާނުން އިޓާލިއަން ލީގުގައި ކޯމޯއާ ދެކޮޅަށް ކުޅެން އޮތް މެޗު، އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން މިލާނުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިލާނާއި ކޯމޯ އިން ކުޅެން އޮތް މެޗު ޕާތުގައި ކުރިއަށްގެންދަން، ހުރިހާ ފަރާތަކުން އެދޭނަމަ، އެ ގޮތަށް ކުރިއަށްގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ. ފަހުން، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން ވެސް އެ މެޗަށް ރުހުން ދިނެވެ.

އެކަމަކު، ފަހުން އެ މެޗު ޕާތުގައި ކުޅުން ކެންސަލްކުރަން ޖެހުނީ އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ނިންމުންތަކެއްގެ ސަބަބުންނެވެ.

އިޓާލިއަން ސެރިއާގެ ރައީސް، އެޒިއޯ ސިމޮނެއްލީ ވިދާޅުވީ، ހީނުކުރާ ފަދަ ކަންތައްތަކެއް އޭއެފްސީގެ ފަރާތުން އައުމާ ގުޅިގެންނާއި އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނާއި އޮސްޓްރޭލިއާގެ ވެސްޓާން ސަރަހައްދުގެ ސަރުކާރަށް ދިމާވި ގޮންޖެހުންތަކާ ހެދި، ޕާތުގައި މިލާނާއި ކޯމޯގެ މެޗު ކުރިއަށްގެންދެވޭނެ މަގެއް ފެންނަން ނެތް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އޭއެފްސީން ހުށަހަޅާފައި އޮތީ، މިލާން އާއި ކޯމޯ ބައްދަލުކުރާ މެޗު، ޕާތުގައި ކުޅޭނަމަ، އެ މެޗުގެ އޮފިޝަލުން ހަަމަޖެއްސުމާއި އިންތިޒާމްތަކާއި މާލީ ގޮތުން ލިބޭ ފައިދާގެ ބޮޑު ޕަސެންޓެއް އޮސްޓްރޭލިއާ އަށް ލިބެންޖެހޭ ގޮތަށެވެ. އެކަމަކު، އެއީ، އިޓާލިއަން ސެރިއާ އިން ފުރަތަމަ މަޝްވަރާކުރި ގޮތާ މުޅިން ހިލާފު ގޮތްތަކެއް ކަމަށްވާތީވެ، އެންމެ ފަހުން މެޗު ކެންސަލްކުރަން ޖެހުނީ އެވެ.