Advertisement

ބޭސް ނުލިބޭ މައްސަލާގައި އާސަންދަަ އާއި އެސްޓީއޯ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

މެންބަރު ކުޑޫ


ބޭސް ނުލިބޭ މައްސަލާގައި އާސަންދަަ އާއި އެސްޓީއޯ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ރާއްޖޭއިން ބޭސް ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ އެ މައްސަލައާ ގުޅިގެން ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާދައްޗެއް ނުވޭ،" ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކުޑޫ އެދުނީ އެ ދެ އިދާރާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. ކުޑޫގެ ސިޓީގައި ވަނީ ބައެއް ބާވާތްތަކުގެ ބޭސް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ބޭސް ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް."

ބޭސް ނުލިބޭ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުޑޫ އެވެ. އެ މައްސަލަ އްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ނޮވެމްބަރު 26، ގައި ކުޑޫ ހުށަހެޅި މައްސަލަ ވެސް ބަލައިގަނެފައި ނުވެ އެވެ. އެ މައްސަލަ ބޭރުކޮށްލީ ޕީއެންސީގެ މެޖޯރިޓީންނެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުންފުންޏެއް ވެސް އުފެއްދި އެވެ. އޭގެ ކުރިން ވެސް ބޭސް ގެނައުމަށް ކަމަށް ބުނެ އެކި އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރި އެވެ. ނަމަވެސް މިދިޔަ ދޮޅު އަހަރުވެފައިވަނީ ބޭސް ސިޓީއަށް ސަލާން ޖެހުން އަލުން އިއާދަވި ދުވަސްތަކަކަށެވެ.