Advertisement

މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓެއް ނެތް!

މާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތް -- ފޮޓޯ: އަދަދު


މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓެއް ނެތް!

މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ހިންގަން ފެށި ޖިނާއީ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ނުދީ ހަނު ތިބެއްޖެ އެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިދިޔަ ޖޫން 1، ގަ އެވެ. ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެ ދުވަހު ކަރަންޓު ދެވުނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުންނެވެ. ސްކޫލްތަކުގެ ކިޔެވުން ވެސް އެ ދުވަހު ބަންދު ކުރި އެވެ. އަދި ވަރަށް ގިނަ ވިޔަފާރިތައް ވެސް އެ ދުވަހު މެދުކަނޑައިލި އެވެ.

އެ ދުވަހު ކަރަންޓު ކެނޑުނު ގޮތް ދެނެގަތުމަށް ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ފުލުހުން ދީފައެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ފުލުހުން މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ވިދާޅުވީ އެކަން ބަލައިލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެެވެ.

"ބަލާލާފައި ޖަވާބެއް ދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެހެންނަމަވެސް، ފުލުހުންގެ ފަރާތުން ދިން އެ ޖަވާބަށްފަހު 48 ގަޑިއިރު ފާއިތުވީއިރު ވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ފަހުން ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ޖުލައި 1، ގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވި އެވެ.

އެ ތަހުގީގާ ބެހޭ މައުލޫމާތެއް ފުލުހުން އެންމެފަހުން ހާމަކުރީ އޯގަސްޓު 9، ގަ އެވެ. އެ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"2025 ޖޫން 1 ވަނަ ދުވަހު ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައި. އަދި މި މައުލޫމާތައް ބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަހުގީގު ކުރަމުން،" އެ މެސެޖުގައި ފުލުހުން ބުންޏެވެ.