Advertisement

އިންސާފުގެ މިންގަނޑު އޮޅިއްޖެ؛ ކުލި ދެއްކި މީހުން 'މޮޔައިންނަށް' ވެ، ގާނޫނު މުގުރި މީހުންނަށް 'އިނާމު'

މިއީ އޭއައި އިން ކުރަހާފައިވާ ފޮޓޯއެއް


އިންސާފުގެ މިންގަނޑު އޮޅިއްޖެ؛ ކުލި ދެއްކި މީހުން 'މޮޔައިންނަށް' ވެ، ގާނޫނު މުގުރި މީހުންނަށް 'އިނާމު'

ނަވާރަ ވަނަ ގަރުނުން ފެށިގެން އިގުތިސާދީ މާހިރުން އެއްބަސްވާ އެއް ކަމެއް އެބައޮތެވެ. އެއީ އިގުތިސާދީ ހަމަ ގަބޫލުކުރާ ކޮންމެ މީހަކު ވެސް ދަންނަން ޖެހޭ ހަގީގަތެކެވެ.

މި ދުނިޔޭގެ އެއްވެސް ވަސީލަތަކީ ހިލޭ ލިބެން ހުންނަ އެއްޗެއް ނޫން ކަމެވެ. "ދެއާ އިޒް ނޯ ސަޗް ތިންގް އޭޒް ފްރީ ލަންޗް" އޭ ބުނަނީ އެއީ ދުނިޔޭގެ ކަންކަން ހިނގާ އުސޫލު ކަމަށްވާތީ އެވެ.

ވަކިން ހާއްސަކޮށް ރާއްޖެ ފަދަ އުފެއްދުންތެރިކަމުން ހަރަދުބަރަދު ހަމަނުޖެއްސޭ ގައުމަކަށް މިއީ ކުރިމަތިލާން ޖެހޭނެ ހަގީގަތެކެވެ. ބިލިއަނުން ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތައް ހިލޭ ވާނެ އެއްވެސް ގޮތެއް ނެތެވެ. ބިޔަ ސަހަރުތައް ހަދަން ބިން ހިއްކަމުން އެދަނީ ހިލެއެއް ނޫނެވެ. ބުރިބުރިއަށް ޓަވަރުތައް އަރަމުން އެ ދަނީ ހިލެއެއް ނޫނެވެ.

މި ވާހަކަ ދައްކަން ޖެހުނީ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ މީހުންގެ ޖޫރިމަނާ މާފު ކުރުމަށް ސަރުކާރުން ނިންމުމާއެކު އުފެދިފައިވާ ބަހުސްގައި އަހަރެންގެ ހިޔާލު ވެސް ހިއްސާކުރުމަށެވެ. ޕަސެންޓެއްގެ ބިން އަޮތް ގައުމަކުން ބޮޑު އަގުގައި ހިއްކައިގެން ހިލޭ ބިން ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ގަބޫލުކޮށް އެކަމުގައި އަހަރެން ދެކޭ ގޮތް މީގެކުރިން ލިޔެފައިވާނެ އެވެ. ހަމަ އެފަދައިން ދައުލަތަށް ދައްކަން ޖެހިފައިވާ އެއްވެސް ޖޫރިމަނާއެއް މާފުކޮށްދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދެކެމެވެ.

ދައުލަތާއި ރައްޔިތުން ގުޅުވައިދޭ ނާރެހަކީ އިޖުތިމާއީ އަގުދު (ސޯޝަލް ކޮންޓްރެކްޓް) އެވެ. ދިވެހި ދިދައިގެ ހިޔާވަހިކަމުގައިވާ ކޮންމެ ފަރުދަކީ، ދިވެހި ޖުމްހޫރިއްޔާއާއެކު ވެފައިވާ މި މުގައްދަސް އެއްބަސްވުމުގެ ހިއްސާދާރެކެވެ.

މި އެއްބަސްވުމުގައި ރައްޔިތުންގެ ޒިންމާއަކީ، ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި ކިޔަމަންވުމާއި، ދައުލަތުގެ ބާރުވެރިކަން ގަބޫލުކޮށް އެއަށް އިހުތިރާމްކުރުމެވެ. އަދި ޖަމާއަތުގެ ލާބައާއި މަންފާއަށްޓަކައި ދައުލަތުން ކުރާ ހޭދަތައް ހަމަޖެއްސުމަށް ދައްކަންޖެހޭ ޓެކްސް ދެއްކުމެވެ.

މީގެ ބަދަލުގައި ދައުލަތުން ވެވޭ ވައުދަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އާންމު ހިދުމަތްތައް ފަހިކޮށްދިނުމެވެ. ހަމައެއާއެކު، އިންސާފު ގާއިމުކޮށްދީ، ރައްޔިތުންގެ މަދަނީ، އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ނަގަހައްޓައި ދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ފެހި ގާނޫނުއަސާސީއަށް ފަހު އުފެދުނު ވެރިކަންތަކުގައި، މި އިޖުތިމާއީ އެއްބަސްވުމަށް ދައުލަތުން އިހުތިރާމް ކޮށްފައިވަނީ އެކި މިންވަރަށެވެ. އެހެންކަމުން، ދައުލަތް ޒިންމާދާރު ކުރުވުމަށްޓަކައި މަދަނީ ބަސްނޭހުމާއި، އިހުތިޖާޖު ކުރުމާއި، ވޯޓުން ވެރިން ބަދަލުކުރުން ފަދަ 'ފަރުވާ' ތައް ހޯދުމަށް ދިވެހި ރައްޔިތުން ތިބީ ވަރަށް ފަރިތަވެފަ އެވެ.

ނަމަވެސް، ހިތާމައަކީ މި އެއްބަސްވުމުގެ އަނެއް ފަރާތެވެ. ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމާއި، ދައުލަތާއެކު ވެވޭ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ގިނަ ދިވެހިންނަށް 'ކުރެވޭ ވަރުގެ ކަމަކަށް' ނުވެ އެވެ. ގައުމުގެ ވެރިންނާ ހަމައިން ފެށިގެން އާންމު ރައްޔިތު މީހާއާ ހަމައަށް ވެސް ހާލަތަކީ މިއެވެ. ފެންނަމުން ދަނީ ގާނޫނުތައް މުގުރާލައި، ގަވާއިދުތައް ބޮލާލައި ޖަހައި، އެއްބަސްވުންތަކާ ހިލާފުވާ މަންޒަރެވެ.

ޕާކިން ޖޫރިމަނާއެއް އަންނަނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުންނެވެ. ޓްރެފިކް ޖޫރިމަނާއެއް ކުރަނީ ގަވާއިދާ ހިލާފަށް ދުއްވައިގެންނެވެ. މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ނޫނީ ސިނގިރޭޓު ޖޫރިމަނާއެއް ނާންނާނެ އެވެ. މީރާގެ "ނޮން-ކޮމްޕްލަޔަންސް" ލިސްޓަށް ނަން އަރަނީ ޓެކްސް ނުދެއްކުމުންނެވެ. ރިސޯޓު ކުލީގެ ޖޫރިމަނާ އަރަނީ ގަޑިއަށް ކުލި ނުދެއްކުމުންނެވެ. ހަމަ އެ އުސޫލުން، ފްލެޓަށް ކުލި ނުދެއްކުމުން ޖޫރިމަނާ އަރަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފުވީމަ އެވެ. ސަބަބަކާ ނުލައި ނަތީޖާއެއް ނުނިކުންނާނެ އެވެ.

ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކުލި ނުދެއްކޭނެ ފަރާތްތައް ނުތިބޭނެއެކޭ ނުދަންނަވަމެވެ. އެފަދަ ފަރާތްތަކަކީ ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ހިޔާވަހިކަން ހައްގުވާ މީހުންނެވެ. އެ މީހުންގެ މައުލޫމާތު ދައުލަތުގެ އިދާރާތަކުގައި ހުންނަން ވާނެ އެވެ. އެ މައުލޫމާތަށް ބިނާކޮށް، ހައްގުވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ކުރެވިދާނެ، އަދި ކުރަންޖެހޭ ވެސް ކަމެކެވެ.

ނަމަވެސް، ހިތާމައަކީ ގަސްތުގައި ކުލި ނުދައްކާ މީހުން ވެސް މި ލިސްޓުގައި ތިބިކަމެވެ. އޭގެ ތެރޭގައި، އެ ފްލެޓުތައް ބޮޑު އަގުގައި އެހެން ބަޔަކަށް ކުއްޔަށް ދީ، އޭގެން ނާޖާއިޒު މަންފާ ހޯދަމުންދާ އިރުވެސް، ދައުލަތަށް ދައްކަން ޖެހޭ ލޯ ލާރިއެއް ވެސް ނުދައްކާ ތިބި މީހުން ހިމެނޭކަމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެފަދަ ފަރާތްތަކުގެ ޖޫރިމަނާއިން އެންމެ ލޯ ލާރިއެއް ވެސް މާފުކޮށްދީގެން ނުވާނެއެވެ. ސަބަބަކީ، ޖޫރިމަނާ މާފުކޮށްދިނުމަކީ އެއްބަސްވުންތަކާ ހިލާފުވުމަށް ދެވޭ ނުބައި ހިތްވަރަކަށް ވާތީއެވެ. އެހެން ހެދުމުން އުފެދޭ ސުވާލަކީ، ބަރާބަރަށް ގަވާއިދުން ފައިސާ ދައްކަމުންދިޔަ ޒިންމާދާރު މީހުންގެ ހައްގަކީ ކޮބައިތޯއެވެ؟ ބިން ނެތް ގައުމެއްގައި ވަކި ބަޔަކަށް ހިލޭ ބިން ދިނުމެކޭ އެއްފަދައިން، މިއީވެސް ނުހައްގުން ކުރެވޭ ތަފާތު ކުރުމެކެވެ. މިއީ މުޖުތަމައުގެ މަސްލަހަތު ގެއްލި، އިންސާފާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމެކެވެ.

ދައުލަތުގެ ޒިންމާއަކަށް ވާންވާނީ، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމެވެ. އަދި ހާލަތު ތަންނުދޭ ފަރާތްތަކަށް ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް، އެއްބަސްވުމެއްގައި ސޮއިކުރާ ހިނދުން ފެށިގެން، ކުލި ދެއްކުމަކީ ފަރުދީ ޒިންމާއެއް ކަމާއި، އެކަމާ ހިލާފުވެއްޖެނަމަ ޖޫރިމަނާއާ ކުރިމަތިލާންޖެހޭނެކަން އެއީ އެންމެންވެސް ގަބޫލުކުރަންޖެހޭ އަސާސީ ހަގީގަތެކެވެ.

"ދަރަނި ދެއްކުމަށް އޮންނަ ޕްލޭނާ އެއްގޮތަށް އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަކަށް އަޅުގަނޑުމެންނެއް އެއްވެސް ކަހަލަ ލުޔެއް ނުދެން، ނޫނީވިއްޔާ ޖޫރިމަނާ މާފުކުރުމެއް ކަމުގައިވިޔަސް ނުކުރަން. އެހެންވީމާ، އެ ކަންކަން މި ކުރަނީ އެފޯޑް ކުރެވޭ ގޮތަށް، ރައްޔިތުންނަށް ވެސް އޭގައި ބުރައެއް ޕާސްނުވާގޮތަށް،" ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މިފަހަރު ޖޫރިމަނާ މާފުކުރުމުގައި ކުރީ ކޮން އަންދާޒާއެއް ކަމެއް، ހެދީ ކޮން ދިރާސާއެއް ކަމެއް، ޖެހީ ކޮން ހިސާބެއް ކަމެއް ނޭނގެ އެވެ. އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

"ހިލޭ އެހީގައި އަޅާފައި ހުރި ފްލެޓެއްތޯ، ނޫނީވިއްޔާ އެ ފްލެޓުގެ ލޯނުގެ ޓާމްސްތައް އޮތީ ކިހިނެއްތޯ. މި ހުރިހާ ކަމަކަށް ބަލާފައި، މި ޖޫރިމަނާ މާފުކުރި ކަމުގައިވިޔަސް، ލުޔެއް ދިންކަމުގައިވިޔަސް، އަޅުގަނޑުމެން މިކަންކަން މި ކުރަނީ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި އަޅާފައި ހުރި ބޯހިޔާވަހިކަންވެސް ވާނީ އަޅުގަނޑު ވައުދުވެފައި އޮތް ގޮތަށް، ހަމަ ހުރިހާ ރަށެއްގައި އަގު ކުޑަކޮށްދީފައި،" މުއިއްޒު ވިދާޅުވި އެވެ.

ހަމައެކަނި ހިޔާ ފްލެޓް މަޝްރޫއަށް ބެލި ކަމުގައި ވިޔަސް، އެއީ ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގައިގެން ހިންގާފައިވާ ބިޔަ މަޝްރޫއެކެވެ. ހަމަ އެފަދައިން، ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާ އާއި، އަންނަން އޮތް އެތައް ޖީލެއްގެ ކޮނޑުގައި އެޅޭ ދަރަނީގެ ފައިސާއިންނެވެ.

އެކަމުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެ ކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ. ދައުލަތުން އުފުލަން ޖެހޭ ކޮންމެ މާލީ ބުރައަކީ އާހިރުގައި ރައްޔިތުން އުފުލަން ޖެހޭ ބުރައެކެވެ. ޖޫރިމަނާ މާފުކޮށްދިނުމުން ދައުލަތުގެ ހަޒާނާއިން އުނިވާ ކޮންމެ ފައިސާ ފޮއްޗަކީ، ސީދާ ރައްޔިތު މީހާގެ ޖީބުން އުނިވާ ފައިސާއެކެވެ. އިގުތިސާދީ ނަޒަރަކުން ބަލާއިރު ކޮންމެ ކަމެއްގައި ވެސް އަގެއް އޮންނާނެއެވެ. ބައެއް ފަހަރު އެ އަގު ފެންނަން އޮވެދާނެއެވެ. އަނެއްބައި ފަހަރު އޮންނާނީ ފޮރުވިފައެވެ.

މިއަދު ޖޫރިމަނާ މާފުކޮށްދިނުމުން ދައުލަތުގެ ހަޒާނާއިން އުނިވާ އަދަދަށްވުރެ ބޮޑު ގެއްލުމަކީ، މުޖުތަމައުގައި އަށަގަންނުވާ ނުރަނގަޅު އާދައެވެ. އެއީ ގަވާއިދަށް ބޯނުލެނބުމާއި، ޒިންމާއިން ރެކުމުގެ ސަގާފަތެވެ. މި ސަގާފަތް އަށަގެންނެވުމުގެ އަގު، ފައިސާއިން އަގުކުރެވޭ ވަރަށްވުރެ މާ ބޮޑުވާނެއެވެ.

ގަވާއިދުން ކުލި ދެއްކި މީހުންނަށް ސަރުކާރުން މި ދޭ މެސެޖަކީ، އެމީހުން ހެދީ "މޮޔައެއް" ކަމެވެ. އަދި ނުދައްކާ ތިބި މީހުންނަށް ދެވޭ މެސެޖަކީ، ގާނޫނަށް ގޮންޖެހުމުން ނުވަތަ ޒިންމާ އަދާނުކުރުމުން އާހިރުގައި ލިބޭނީ "އިނާމެއް" ކަމެވެ. މިއީ އިންސާފު ގާއިމުކުރުން ކަމުގައި ވާނަމަ، އެ އިންސާފުގެ މިންގަނޑު އެވަނީ ވަރަށް ބޮޑަށް އޮޅިފައެވެ.

-------

ފޭސްބުކް، އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން އަދަދު ނޫސް ފޮލޯ ކުރައްވާށެވެ. އަދި ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ދެއްވާށެވެ.