about 2 hours 1
ސާއިފް ޝިޔާދު
ވާނުވާ ބަންދުގެ މައްސަލާގައި އަޑުއުފުލާ ފަރާތްްތަކާ ބައްދަލުކުރުމަށް ރައީސް އޮފީހުގައި މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން ----
about 2 hours 1
އެއް އަހަރަށް ވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކާ މެދު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޯޓުތަކުން ވަކި ގޮތެއް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ވާނުވާ ބަންދުގެ މައްސަލާގައި ބައެއް މީހުންގެ ކަންބޮޑުވުންތައް އަންނަނީ ހިއްސާކުރަމުންނެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި މުހައްމަދު ރިލުވާން ވެސް ވަނީ އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާއަކީ ވާނުވާ ބަންދު އުވާލުމަށް ގޮވާލައި ކުރަމުން އަންނަ ކެމްޕޭނުގެ ފަރާތުން ރައީސް އޮފީހުގައި މުއިއްޒުއާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހެކެވެ.
އެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ މިއީ އެތައް އަހަރެއް ވެފައިވާ މައްސަލަތައް ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ތެރޭގައި ކޯޓު މަރުހަލާތައް ނިމި އެ މައްސަލަތަކާ މެދު "ކޮންމެވެސް ގޮތެއް ނިމޭނެ" ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެޓާނީ ޖެނެރަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ވިދާޅުވަނީ މި އަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް، ކޯޓު މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.
އެއަށްފަހު ބާކީ ތިބޭ އެންމެންގެ މައްސަލަތައް ވެސް ކުރިއަށްދާނެ ކަމަށް އޭޖީއަށް މައުލޫމާތު ލިބިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވާނުވާ ބަންދު ނައްތާލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޯޓުތަކުގެ ޖާގަ ކަމަށް ސަރުކާރުން ދެކޭއިރު ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ލިބުނު ފަހުން ވެސް އެ މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ކަންބޮޑުވުން ހިއްސާކުރި ރިލުވާން ބުންޏެވެ.
"އާ ކޯޓެއް އެޅިގެން ހަ މަސްދުވަސް ވީއިރު ވެސް އަދިވެސް އެންމެ މައްސަލައެއް ވެސް ވާނުވާ ނިޒާމުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެންމެ މައްސަލައެއް ވެސް ނިމިގެން ނުދޭ. ވާނިމިފައި މިއޮތީ މުޅިން ވެސް ވައްކަމާއި، ފޭރުމާއި، ޓެކުމާއި، މިކަހަލަ މީހުންނަށް އެކަނި ހައްލެއް ލިބިފައި މިއޮތީ،" އެ މީހާ ބުންޏެވެ.
އައު ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް ލުއި ނުދޭނެ ކަމަށް ޕްރެސޮކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި އަހަރު ހާމަކޮށްފައިވާ ގޮތުގައި ވާނުވާ ބަންދުގައި 417 މީހަކު އެބަ ތިއްބެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރަން ގޮވާލާ އަޑުތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އދ. އިން ވެސް ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment