about 2 hours 0
about 2 hours 0
ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި އެ ޓީމު އަތުން ލިވަޕޫލުން 2-1 އިން މުހިންމު މޮޅެއް ހޯދި މެޗުގައި، އެ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކަށް ސީރިއަސް އަނިޔާއެއް ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، އިސާކް ވަނީ 56 ވަނަ މިނިޓްގައި ލަނޑު ޖަހައި ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އެ ލަނޑު ޖެހި ވަގުތު، އިސާކްގެ ފަޔަށް ޓޮޓެންހަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވޭން ޖެހި ޓެކަލް އެރުމާ އެކު، ވަގުތުން އިސާކް ވަނީ ދަނޑުމައްޗަށް ވެއްޓި އޮވެ، މެޑިކަލް އެހީ އަށް ގޮވައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ރެކޯޑް އަގެއްގައި ލިވަޕޫލާ ގުޅި ފޯމަކަށް އެޅެން މަސައްކަތް ކުރަމުން އަންނަ، އިސާކުގެ ފައިގެ ކުޑަ ހުޅާއި ކަކުލަށް ސީރިއަސް އަނިޔާއެއް ވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނީ، އަނިޔާއާ ގުޅޭ ތަފްސީލީ ވާހަަކައެއް ދެއްކޭނީ ޓެސްޓްތަކެއް ހެދުމަށް ފަހު ކަމަށެވެ.
ރޭގެ މެޗު ޓޮޓެންހަމް އިން ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެ ގޮތުން، މެޗުގެ 33 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޒަވީ ސިމޯންސް އަށް ސީދާ ރަތެއް ދެއްކީ، ލިވަޕޫލްގެ ވާޖިލް ވެން ޑައިކަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. މިއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދެއްކި ރަތް ކާޑެކެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، 56 ވަނަ މިނިޓްގައި، އިސާކް ވަނީ، ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ ދިހަ މިނިޓް ފަހުން، ހޫގޯ އެކިޓީކޭ ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. ޓޮޓެންހަމް އިން ވަނީ، މި ހާފުގައި ބަދަލަކަށް ކުޅެން އެރި ރިޗާލިސަން މެޗުގެ 83 ވަނަ މިނިޓްގައި ޖެހި ގޯލުން އުންމީދެއް ހޯދައިފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޓޮޓެންހަމްގެ ކެޕްޓަން، ކްރިސްޓިއަން ރޮމޭރޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައި، މެޗުގެ ބާކީ ވަގުތު ނުވަ ކުޅުންތެރިން ލައިގެން ކުޅެން ޖެހުމުން ޓޮޓެންހަމް އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ލިވަޕޫލުން މި މޮޅާ އެކު ވަނީ ލީގުގެ ހަތަރެއްގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލާއި ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 17 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.
Comment