15 ފެބުރުވަރީ 2026 - 15:29 0
15 ފެބުރުވަރީ 2026 - 15:29 0
މިއުނިކް (ފެބްރުއަރީ 15) - ޖަރުމަނު ލީގުގައި ރޭ ވާޑާ ބްރެމަން ކޮޅަށް ބަޔާން މިއުނިކްގެ ފޯވާޑް، ހެރީ ކޭން ޖެހި ދެ ގޯލާ އެކު، ޕްރޮފެޝަނަލް ކެރިއަރުގައި 500 ގޯލު ހަމަަކުރި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފް ލިބިއްޖެ އެވެ.
އުމުރުން 31 އަހަރުގެ ކޭންގެ ލަނޑުތަކާ އެކު ރޭ ބްރެމަން އަތުން ބަޔާން މޮޅުވިއިރު، މި ލަނޑުތަކާ އެކު ތާރީހުގައި އޭނާގެ ނަން ވަނީ ލިޔެވިފަ އެވެ.
ކޭން ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި އިންގްލެންޑް ތަމްސީލްކުރުމުގެ އިތުރުން ކްލަބް ލެވަލްގައި ފަސް ޓީމަކަށް ކުޅެފަ އެވެ.
އެ ގޮތުން، އޭނާ އެންމެ ގިނަ ލަނޑު ޖެހީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. އެ ޓީމަށް 280 ލަނޑު ޖަހައިދިން ކޭން ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިނީ މިހާރު ކުޅެމުން އަންނަ ބަޔާން އަށެވެ. އެ ކްލަބްގައި މިހާތަނަށް 126 ލަނޑު ޖެހި ކޭން ދެން އެންމެ ގިނަ ލަނޑު ޖަހައިދިނީ އިންގްލެންޑް ގައުމީ ޓީމަށެވެ. އެ ޓީމަށް 78 ލަނޑު ޖަހައިދިން ކޭން، ދެން ކުޅުނު ތިން ކްލަބް ކަމަށްވާ މިލްވޯލް، ލޭޓަން އޯރިއަންޓް އަދި ލެސްޓާ ސިޓީ އަށް ޖުމްލަ އެކު ޖަހައިދިނީ 16 ލަނޑެވެ. މިލްވޯލަށް ނުވަ ލަނޑު ޖެހިއިރު، ލޭޓަން އަށް ފަސް ލަނޑު އަދި ލެސްޓާ އަށް ދެ ލަނޑު ޖަހައިިދިނެވެ.
ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މި ވަގުތު އޮތް ކޭން އަކީ މި ވަގުތު މުޅި ދުނިޔެ އަށް ބެލިޔަސް އެ މަގާމުގައި ކުޅެން އެންމެ މޮޅު އެއް ކުޅުންތެރިޔާ އެެވެ.
Comment