Advertisement

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި


މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަވެ މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މީގެ ގަޑިއިރެއްހާ އިރު ކުރިން ނެރުނު އެލާޓުގައި ލަފާކޮށްފައިވަނީ މިހާރުން ފެށިގެން މިއަދު ހަވީރު 4:00 އާއި ހަމައަށް ޅ. އަތޮޅުން، ވ. އަތޮޅަށް ބޯކަށް ވާރޭވެހި، ވައިގަދަވާނެ ކަމަށެވެ.

އެގޮތުން މިއަދު މާލެ ސަރަހައްދު ހިމެނޭހެން އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، 40 މޭލާއި ހަމައަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ ސަރަހައްދަށް އެކި ފަހަރުމަތިން ވާރޭވެހިފައިވެ އެވެ. މިކަމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ވިއްސާރަކުރަމުންދާއިރު، އިއްޔެއިން ފެށިގެން މެދުއިރުމައްޗަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް ފުލެޓުތައް ދަނީ ޑިލޭ ވަމުންނެވެ.

އިއްޔެ އާއި މިއަދު ވެސް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އަންނަނީ ގަދަ ވަޔާއި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުންނެވެ. އެގޮތުން ދުނިޔޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތް ގުޅުވާލަދޭ މައި އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓު ކުރާ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރާފަ އެވެ.

އޭގެ ތެރެއިން ބައެއް އެއާލައިންތަކުން ރާއްޖެއަށް އަޅާ ފްލައިޓުތައް ޑިލޭވެ އަނެއް ބައި ފްލައިޓުތައް ވަނީ ކެންސަލް ވެފަ އެވެ. އެގޮތުން އެއާ އަރަބިއާ، ފްލައި ދުބާއީ، އެމިރޭޓްސްގެ ފްލައިޓުތަކެއް ވަނީ ޑިލޭވެފަ އެވެ. އަދި އެއާ އަރަބިއާގެ މެންދުރު ފްލައިޓު ވަނީ ކެންސަލްކޮށްފަ އެވެ.