މާލެ ކައިރީ އޮތް ބޯޓެއް ފެންނަ ގޮތް. ވައި ނުސާފުވުމުގެ ސަބަބުން ފެންނަ ދުރުމިން ވަނީ ވަރަށް ބޮޑަށް ދަށްވެފައި
ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
އިރުވައި މޫސުމާއެކު އާންމުކޮށް ވެސް ރާއްޖޭގެ ވައި ނުސާފު އެވެ. އެއީ އުތުރު އިންޑިއާ މަތީގައި އުފެދޭ ހިރަފުސްގަނޑު ވަޔާއެކު ރާއްޖެއަށް ދަތުރު ކުރާތީ އެވެ.
"ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން މިވަނީ ދަށްވެފައި. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ،" މެޓުން ބުނެފައިވެ އެވެ.
ވައިގެ ކޮލިޓީ ބަލާ މިންގަނޑުން މާލޭގެ ވައި ހުރީ 138 ގަ އެވެ. އެއީ ވައިނުސާފުވުމުން ކުރާ އަސަރު ބޮޑު، ނާޒުކު މީހުންނަށް ރައްކާތެރި މިންގަނޑެއް ނޫނެވެ.
އެންމެ ރަނގަޅީ 0-50 އާ ދޭތެރޭގައި ވައިގެން ކޮލިޓީ ހުންނަ ނަމަ އެވެ. ދެ ވަނަ އަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ވައިގެ ސާފު މިންގަނޑު ހުންނަ ނަމަ އެވެ.
އިރުވައި މޫސުމާއެކު ޖައްވު ނުސާފުވި ނަމަވެސް މީގެ ކުރިން ރާއްޖެއަށް މިހާ ބޮޑު އަސަރެއް ނުކުރެ އެވެ. އެކަމަކު، އިންޑިއާގެ ވައި އިންތިހާއަށް ތަޣައްޔަރުވަމުންދާތީ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރަނީ އެވެ.
Comment