Advertisement

ލަންކާއަށްފަހު ތޫފާން އިންޑިއާއާ ދިމާލަށް، މެޓުން ބުނަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް

29 ނޮވެންބަރު 2025 - 14:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި މީހަކު ކޮތަޅެއްގެ ނިވާ ހޯދަނީ --- ފޮޓޯ: އަދަދު


ލަންކާއަށްފަހު ތޫފާން އިންޑިއާއާ ދިމާލަށް، މެޓުން ބުނަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް

29 ނޮވެންބަރު 2025 - 14:48 0

މިދިޔަ ހަފުތާއިން ފެށިގެން އަވަށްޓެރި ސްރީލަންކާއަށް އަރައި ބޮޑެތި ގެއްލުންތަކެއް ދެމުން އަންނަ ތޫފާން ޑިޓުވާ އިންޑިއާ އާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މި ތޫފާނުގެ ސަބަބުން ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓުން މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ ތޫފާން ޑިޓުވާ މިވަގުތު ހުރީ ރާއްޖޭގެ އެންމެ އުތުރު ރަށް ކަމަށްވާ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުގައި ކަމަށެވެ. ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވެނީ އުތުރުހުޅަނގަށް ރާއްޖެއާއި ދުރަށް ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

މިގޮތަށް ދަތުރުކޮށް މާދަމާ ހެނދުނު އިންޑިއާގެ ތަމިލްނާޑޫ، ޕޫޑޫޗެރީ، އަދި އަންދްރަޕްރަދޭޝްގެ އައްސޭރި ފަށަށް މި ތޫފާން އަރާނެ ކަމަށް ވެސް މެޓުން އާންމުކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.

"މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ވެސް، ހާއްސަކޮށް މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގެ މެދުތެރެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 123 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 43،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެ އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފަ އެވެ.

މި ކާރިސާގެ ސަބަބުން ގެއްލުން ލިބެމުން އަންނަ މީހުންނަށް އެހީތެރިވުމަށް ލަންކާއިން އަންނަނީ އެމަޖެންސީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.