about 11 hours 0
ނިއުގެ ކޯޗު އަލީ ސުޒޭން އެ ޓީމުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 11 hours 0
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމާއި އެ ޓީމުގެ ކޯޗަކަށް ހުންނަ މީހެއްގެ ނަމާ އެއްވަރަށް ރަނގަޅު ބެލެންސް ސްކޮޑެއް ވެސް ނަތީޖާ ނެރުމަށްޓަކައި މުހިންމުވާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުން ވަކިވުމުން އެ ޖާގަ އަށް މި ޑިވިޝަނަށް އައި، ނިއު ރޭޑިއަންުޓުން، މި ފަަހަރުގެ ސީޒަނަށް ޓީމެއް އެކުލަވާލަން ޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ އެވެ. އެ ގޮތުން، އެ ޓީމުން ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު އިރުފާން (އިރޭ)ގެ އިތުރުން، ބިދޭސީ ކުޅުންތެރިންނާއި ލޯކަލް އެހެން ކުޅުންތެރިންނާ އެކު ޓީމެއް ތައްޔާރުކުރި އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ، ލީގުގެ ފުރަތަމަ ބުރުގައި ތަފާތު އެކިކަންކަން ކުރިމަތިވި ކަމަށާއި ގެނައި ބްރެޒިލްގެ ފޯވާޑް، ނިކްސަން ގިލެރްމޭ އަކީ ސީދާ ފްލޮޕެއް ކަމަށެވެ. ނިކްސަން ފްލޮޕް ވުމުން ނިއު އިން މެޗުތަކުގައި ލަނޑު ޖެހުމަށް ހަމައެކަނި ދެމެހެއްޓެނިވި ގޮތެއްގައި ބަރޯސާވާން ޖެހުނީ ސެންޓޭގެ ގޯލުތަކަށް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި، ސެންޓޭ އަށް ގޯލު ނުޖެހި ދިޔަ ދުވަހެއްވެއްޖިއްޔާ، ޓީމަށް އޭގެ އަސަރުކޮށް، ފޯވާޑް، ނިކްސަން ފްލޮޕްވަމުން ދިއުމުން، ތިން ހަތަރު ޕޮއިިންޓެއް ގެއްލުނުކަން ސުޒޭން ފާހަގަކުރި އެވެ.
މި ސީޒަނުގައި ނިއުގެ ގޯލު ބަަލަހައްޓަމުން އައި، ޕާކިސްތާންގެ ހަނީފް ސާގިބް އަށް ސީރިއަސް އަނިޔާއެއްވުމުން، އިމަޖެންސީ ޓްރާންސްފާ ފުރުސަތެއްގައި ނިއު އިން ގެނައި، ސްރީ ލަންކާގެ ގޯލްކީޕަރު، ކަވީޝް ލަކްޕްރިޔާގެ ފަޔަށް އަނިޔާވެ، އޭނާ ވެސް ބަދަލުކުރަން ޖެހުނެވެ. ނިއު އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި، ބުރު ސްޕޯޓްސް ކްލަބަށް ރިލީސް ފީ އެއް ދައްކައި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލްގެ ސޮއި ހޯދައިފަ އެވެ.
ސުޒޭން ބުނީ، ފުރަތަމަ ބުރުގައި ކީޕަރުންނަށް އެ ދިމާވި ހާލަތް ވެސް ނިއު އަށް ކުރިމަތިވީ އެންމެ އުނދަގޫކޮށް އައި ވަގުތުތަކުގައި ކަމަށެެވެ.
"މިސާލަކަށް ކީޕަރު، (ޕާކިސްތާންގެ ހަނީފް ސާގިބް) އިންޖަރީވެގެން ގެނައި ކީޕަރު، (ސްރީ ލަންކާގެ ކަވީޝް) އަތުން ވަރަށް އާދައިގެ އެއްޗެއް ވަނީވެސް، އަނެއްކާ އޭނަ އިންޖަރީ ވެއްޖެ، އޮޑި މެޗުގައި ވަރަށް އާދައިގެ ގޯލެއް ވަނީ، އެންމެ އާދައިގެ ކީޕަރެއް އަތުން ވެސް ނުވަންނަ ކަހަލަ އެއްޗެއް، ދިވެހި ކީޕަރެއް އަތުން ވެސް ނުވަންނާނެ އެ އެއްޗެއްސެއް، އެ ކަހަލަ އެއްޗެއް ވަނީ، ވަދެގެން އޮޑި އަތުން ބަލިވީ،" ސުޒޭން ބުންޏެވެ.
"ޖުމްލަކޮށް އެ ގޮތަށް ވަރަށް އުނދަގޫ ހާލަތެއް ނިއު ރޭޑިއަންޓަށް އައީ. ދެން، މި އެއްގޮތަކަށް ވެސް އުޒުރެއް ދައްކަނީކީއެއް ނޫން، ނިއު ރޭޑިއަންޓް ކިޔާފައި، ކުޅުންތެރިން ތިބެފައި، ދެން، މަ ހުރެއްޖިއްޔާ، ވަރަށް ގިނަ މީހުންގެ ޗެލެންޖަކަށްވާނެ. ރިޒަލްޓް ނެރެން ޖެހޭނެއޭ، އެކަމަކު ރިޒަލްޓްނެރޭ ކަހަލަ ހާލަތްތަކުގައި ނެރެވިފައި، އެކަމަކު، ނުނެރެވި ދިޔަ ހާލަތްތަކުގައި ދިޔައީ ވަަރަށް އުނދަގޫ، ސިޓުއޭޝަންތަކެއް،"
ނިއު އިން ލީގުގެ ފުރަތަމަ ބުރުގެ ފަހު ތިން މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ. ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވިއިރު، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވީ ބައްޔެވެ. އެކަމަކު، ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ވަނީ ކްލަބް ވެލެންސިއާ އަތުން މޮޅުވެފަ އެވެ.
ސުޒޭން ބުނީ، ލީގުގެ ދެ ވަަނަ ބުރުގައި ޓީމުން ކުރި ޓްރާންސްފާތަކާ އެކު، ހައްލުތަކެއް ގެނެވޭނެ ކަމަށާއި ނިއުއާ ގުޅުނު ލައިބީރިއާގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީގެ އިތުރުން، އާ ސްޓްރައިކަރާ އެކު ހާލަތު ބަދަލުކުރެވޭނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
ނިއު މި ވަގުތު އޮތީ ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ އަށް ވުރެން 11 ޕޮއިންޓް މަދުން ހޯދައިގެން ލީގުގެ ތިން ވަނައިގަ އެވެ. (މި އިންޓަވިއު ނެގީ މާޒިޔާ އިން ޓީސީއާ އެއްވަރުވި މެޗުގެ ކުރިންނެވެ). އެއް ވަނައިގައި އޮތް މާޒިޔާ އަށް 11 މެޗުން 31 ޕޮއިންޓް، ދެ ވަނައިގައި އޮތް އޮޑި އަށް 10 މެޗުން، 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ނިއު އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.
ސުޒޭން ބުނީ ހީކުރި ވަރަށް ވުރެން ލީގުގެ އެއް ވަނަ މަގާމުގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑު ކަމަށެވެ.
"ހަތަރެއް ނޫނީ ފަސް ޕޮއިންޓް ވަރު އިތުރުކޮށް މި އޮތީ. ފުރަތަމަ ވެސް ގަބޫލުކުރަމުން އައީ މާޒިޔާ ލީޑުކުރާނެކަން ހަތަރެއް ނޫނީ ފަސް ޕޮއިންޓަކަށް ވުރެން ބޮޑަށް، އޮޑީގެ ފަހަތަށް ވެއްޓި، (އެއް ވަަަނައާ ދެމެދު) 10 ޕޮއިންޓަށް ދިޔައީމަ ހީކުރި ވަރަށް ވުރެން ބޮޑު ގެޕެއް (ފަރަގެއް)،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ، މާޒިޔާ އާއި އޮޑީގައި އެ އޮތް ކަަހަލަ ސްކޮޑެއް އޮތް ޓީމުތަކާ ވާދަކުރާއިރު، ނިއުގެ ސްކޮޑުގައި "ވީކް" ތަންތަން އެބަހުރި ކަމަށާއި މަޑުމަޑުން އެ އަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"އެ ކަންތައްތައް ރަނގަޅުކުރަން ޖެހޭނީ، މީގަ ކްލަބަށް ކިޔާނަމާއި ކޯޗަށް ހުރި މީހަކަށް ކިޔާނަން، އެއީ މެޓާ ކުރާ އެއްޗެއް، އެކަމަކު، ހަމައެެއާ އެއްވަރުގެ ސްކޮޑެއް އޮވެގެން އެކަން ކުރެވޭނީ،" ސުޒޭން ބުންޏެވެ.
"ރެއާލް މެޑްރިޑް ނޫނީ މެންޗެސްޓާ ޔުނައިޓެޑްގެ ވާހަކަ ދައްކަނީކީއެއް ނޫން. އެކަމަކު، ރެއާލް މެޑްރިޑަށް ވެސް އާދައިގެ ޓީމެއްގެ ރަނގަޅު ދުވަހު، މެޑްރިޑް ގޯސް ދުވަހު، ހަމަ އެ އޮތް ދަނީ ހަމަ ހަޑިކޮށް ވެސް ބަލިވެގެން. އެއީ، ބެލެންސް ނޫން ދުވަހެއް ވެއްޖިއްޔާ، އަނެއް ޓީމުތައް ރަނގަޅަށް އަންނަ ދުވަހު ހަމަ ބަލިވާނެ،"
ސުޒޭން ބުނީ، ބެލެންސް ސްކޮޑެއް، ނިއު ރޭޑިއަންޓަށް ވެސް ބޭނުންވާ ކަމަށާއި ، އެ މަސައްކަތް މެނޭޖްމަންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ،
"މަޑުމަޑުން އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މި ވިސްނަނީ، މި ބުރު ނިމޭއިރު، ނިއު ރޭޑިއަންޓް، ނިއު ރޭޑިއަންޓްގެ ގޮތުގައި ހަމަޔަކަށް އެޅޭނެ،" ސުޒޭން ބުންޏެވެ.
ލީގުގެ ދެ ވަނަ ބުރު ޗެލެންޖިންވާނެ ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒާއި އޮޑީގެ ކޯޗު އަންދްރެސް ގާސިއާ ވަނީ ބުނެފަ އެވެ. ސުޒޭން ވެސް ވަނީ، ޓީމުތަކުން އިތުރަށް ރަނގަޅުކޮށްގެން މި ބުުރުގެ މެޗުތަކުގައި ޕޮއިންޓް ހޯދަން ވަރަށް މަސައްކަތް ކުރާނެ ކަމަށެެވެ.
"ކޮންމެ ގޮތެއްވިޔަސް، ރެލިގޭޝަން ޒޯނުގައި އެ ހުރި ޓީމުތައް އެ މީހުން އެކަމުން ސަލާމަތްވާން ޗޭސްކުރާނެ. ޓޮޕްގައި މި ހުރި ޓީމުތައް އެ މީހުންނަށް ވީހާވެސް މައްޗަށް ދެވޭތޯ މަސައްކަތްކުރާނެ، އެތައް ޒަމާނަކަށް ފަހު ފުޓްބޯޅަ މި ފެށީ، ލީގުގައި އެކެއްގައި ނިންމާނުލެވެންޏާ، ދޭއް ވެސް އެއީ ހަމަ ރަނގަޅު ޕޮޒިޝަނެއް ކަމަށް ބަލައިފައި، އެކަމަށް ރެޑީވެގެން ކަންނޭނގެ އެންމެން ދާނީ، އެންމެން އެ ޗެލެންޖް ކުރާނެ ހަމަ،" ސުޒޭން ބުންޏެވެ.
ލީގުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ނިއު އިން ބައްދަލުކުރާނީ ސުޒޭންގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ހާއްސަ ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. ފުރަތަމަ ބުރުގައި، ނިއު އިން 4-0 އިން ވިކްޓަރީ ބަލިކުރި ނަމަވެސް، މި ބުރަށް ކުރިމަތިލިއިރު، ވިކްޓަރީ ވަނީ ވަރުގަދަކޮށްފަ އެވެ.
Comment