Advertisement

ކްލިއަރެންސް ވަގުތު 24 ގަޑިއިރަށް ދަންމާލައި، ޑެމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ހަދަނީ

about 2 hours 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެއާ ކާގޯ ޓާމިނަލް: ވިޔަފާރިވެރިން ބުނީ ލަސްވަނީ މިތަނުގައި ވަސީލަތްތައް ހުރި ގޮތުން ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ކްލިއަރެންސް ވަގުތު 24 ގަޑިއިރަށް ދަންމާލައި، ޑެމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ހަދަނީ

about 2 hours 0

އެއާޕޯޓަށް ގެންނަ މުދާ ބޭރުކުރަން ދަތި ކަމަށް ބުނެ ވިޔަފާރިވެރިން ޝަކުވާ ކުރުމާ ގުޅިގެން، ކަސްޓަމްސްގެ ކްލިއަރެންސް ހިދުމަތް 24 ލިބޭ ގޮތަށް ހަދައި، ޑެމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކީ ބޭއްވި ބައްދަލުވުމުގައި މުއިއްޒު މި ބަދަލުތައް އިއުލާންކުރެއްވީ، އެއާޕޯޓާއި ސީޕޯޓުން ވެސް މުދާ ނެރެން ދަތި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިންތަކެއް ޝަކުވާކުރުމާ ގުޅިގެންނެވެ.

މި ކަންބޮޑުވުން ފާޅުކުރި އެއް ވިޔަފާރިވެރިޔަކީ، އަދި މުދާ ހިލޭ ބެހެއްޓޭ ވަގުތު އިތުރުކޮށްދޭން ހިޔާލު ހުށަހެޅުއްވީ، ކުރިއާ ހިދުމަތްދޭ ސީޕެކްސްގެ ޖެނެރަލް މެނޭޖަރު، ހުސައިން ނަމަކަށް ކިޔާ މީހެކެވެ.

ހުސެއިން ބުނީ އެއާޕޯޓުގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތުމުގެ ސަބަބުން އައި ލަސްތަކާ ގުޅިގެން، ވޭތުވި މަސް ދުވަހުގެ ތެރޭގައި އެކަނި އެ ކުންފުނިން ޑެމަރޭޖަށް އެއް މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި، އޭނާ ފަދައިން އެހެން ކުރިއާ ވިޔަފާރިތަކުން ވެސް މިކަމަށް ބޮޑު ހަރަދެއް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑު [އިއްޔެ] ވެސް މީގެ ތިން ދުވަސް ކުރިން އަޅުގަނޑުމެން ކްލިއަރެންސަށް ސަބްމިޓްކޮށްފައި ހުރި ޑީއޯސްތަކަށް ޑެމަރޭޖު މި ދެއްކީ. އަދި ވެސް ކްލިއާ ނުކުރެވޭ. އަދިވެސް ބެކްލޮގެއް [ކްލިއާ] ނުކުރެވޭ،" ހުސެއިން ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ، އެއާޕޯޓަށް ގެންނަ މުދަލަށް ޑެމަރޭޖު ނާރާ ހުންނަ މުއްދަތު އެމްއޭސީއެލްއިން 124 ގަޑިއިރަށް އިތުރުކޮށްދޭނެ ކަމަށެވެ. އަދި ކަސްޓަމްސް އާއި އެމްއޭސީއެލްއިން މިހާރު 18 ގަޑިއިރު ލިބޭ ކްލިއަރެންސް ހިދުމަތް، 24 ގަޑިއިރު ލިބޭ ހިދުމަތަށް ބަދަލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެއާޕޯޓަށް ގެންނަ މުދާ ބޭރުކުރުމުގައި ދިމާވާ މައްސަލަތަކަށް މުއިއްޒު ވަގުތުން ހައްލެއް ހޯއްދަވައި ދެއްވި ނަމަވެސް، އެ ބައްދަލުވުމުގައި އެއާޕޯޓާއި ސީޕޯޓާ ގުޅިގެން ވިޔަފާރިވެރިން ފާހަގަކުރި އެހެން ކަންބޮޑުވުންތަކަށް ހައްލެއް ނުދެއްވަ އެވެ. ނަމަވެސް، އެކަންކަމަށް ހައްލު ހޯދަން ވިޔަފާރިވެރިންނާ އެކީ އިށީންނަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި، އެމްޕީއެލްގައި މިހާރު ނޯތު ހާބަރުގައި މި ދިމާވާ ކެޕޭސިޓީ އިޝޫ ވެސް ހިމެނޭ، ފާހަގަކުރެއްވި، އަމިއްލަ ވެހިކަލް ވައްދަައިގެން އެއްޗެއް ނެރުމުގެ ފުރުސަތު ދެވިދާނެ ނޫންހެއްޔޭ. ހަމަ ރަނގަޅު ހިޔާލުޅެއް،" އެ މައްސަލަތަކަށް ހައްލެއް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން މުއިއްޒު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި މިކަން އިއުލާން ކުރި ނަމަވެސް، މި ބަދަލުތައް ރަސްމީކޮށް ގެންނަނީ ކޮން ތާރީހަކުން ފެށިގެން ކަމެއް ނޭނގެ އެވެ. މިހާތަނަށް އެމްއޭސީއެލް އާއި ކަސްޓަމްސްއިން އެ ފަދަ އިއުލާނެއް ނުކުރެ އެވެ.