Advertisement

ޑޮލަރު ލިމިޓާއި ލޯނުގެ މައްސަލާގައި ބައެއް ވިޔަފާރިވެރިންގެ ނުރުހުން ބީއެމްއެލްއަށް


ޑޮލަރު ލިމިޓާއި ލޯނުގެ މައްސަލާގައި ބައެއް ވިޔަފާރިވެރިންގެ ނުރުހުން ބީއެމްއެލްއަށް

ޑޮލަރު ލިމިޓާއި ގުޅިގެންނާއި ލޯނު ނުލިބުމުގެ މައްސަލާގައި ދިވެހި ބައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މެދު ނުރުހުން ފާޅުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ބޭންކު މެދުވެރިކޮށް އެކަށީގެން ހިދުމަތްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަވާބު ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން ވާހަކަ ދެއްކި މަންދޫބު ބުނި ގޮތުގައި އެ ކުންފުންޏަކީ ވަރަށް ގިނަ އޮންލައިން ސާވިސް ޕްރޮވައިޑަރުންނާއި ސަބްސްކްރިޕްޝަންތަކަށް އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ. ބްލެކް މާކެޓުން ޑޮލަރު ގަނެގެން މީގެކުރިން ކުރަމުން ފައިސާ ދައްކަމުން ދަނިކޮށް ބީއެމްއެލްއިން ޖުލައި މަހުގެ ތެރޭގައި ޑޮލަރު ލިމިޓު ބޮޑުކުރުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"ކުރިން 250 ޑޮލަރުގައި އިން ލިމިޓު 500 ޑޮލަރަށް ބޮޑުކޮށްދިން ހިސާބުން ފަސޭހަވެގެންދިޔަ. ނަމަވެސް މީގެ ދެތިން ދުވަސް ކުރިން ބޭންކުގެ ސްޕޯކްސްޕާސަން އިއުލާނުކޮށްފައި މިވަނީ ތިމަންނަމެން 2020 ގެ ފަހުން 250 ޑޮލަރުގެ ލިމިޓު ބޮޑެއް ނުކުރަމޭ، އަޅުގަނޑުމެންނަށް ލިބުނު 500 ޑޮލަރުގެ ލިމިޓަކީ ނުލިބޭ އެއްޗެކޭ،" އޭނާ ބުންޏެވެ.

ޑޮލަރު ލިމިޓު ބޮޑުކުރާއިރު ހުރިހާ ވިޔަފާރިތަކުން ބޭނުންވާ ގޮތަށް ލިމިޓު މަތިކޮށްދިނުމަށް ޖަވާބު ޕްރައިވެޓު ލިމިޓެޑުން އެދުނެވެ. ޓީޓީ މައްސަލާގައި ވެސް ބައެއް ވިޔަފާރިވެރިން ވަނީ ބީއެމްއެލްއިން އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ބީއެމްއެލްއިން މި އިންނަނީ 30 ޕަސެންޓާއި 50 ޕަސެންޓާ ދޭތެރޭ ޑޮލަރުން ޓީޓީ ހެދޭކަމަށް. އެކަމަކު ބަލާއިރު މި ލިބެނީ 20 ޕަސެންޓަށް ޑޮލަރު،" އިހުސާން ފިހާރައިގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި މަންދޫބު ބުންޏެވެ.

ބައެއް ވިޔަފާރިވެރިން ވަނީ ބޭންކު މެދުވެރިކޮށް ފަސޭހައިން ލޯނު ނުލިބޭ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. ރޭގެ ބައްދަލުވުމުގައި ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވެސް އިންނެވި އެވެ.

"އަޅުގަނޑުމެންގެ އެކައުންޓު ބައްލަވާ، ރަން ކުރާ ބިޒްނަސް ބައްލަވާ، ހުރިހާ އެކައުންޓެއް ހުންނާނީ ބީއެމްއެލްގައި. އަޅުގަނޑުމެންގެ ކޮންޓްރިބިއުޝަން ވަރަށް ހައި ވާނެ. ފަސޭހައިން ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ ވަރަށް ބޮޑު އެދުމެއް،" ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ރުފިޔާ އެކައުންޓުތަކާއި ލިންކުކޮށްފައި ހުންނަ ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް މަތިކުރިކަން ބީއެމްއެލް އިން އިއުލާނުކުރީ ޖޫން 30، ގަ އެވެ. ނަމަވެސް، ލިމިޓު ބޮޑުނުކުރާ ކަމަށާއި، އެ ލިމިޓު މިދިޔަ މަހު ދަށް ނުކުރާ ކަމަށް ބުނެ އެ ބޭންކުން ދަނީ އޮޅުވައިލަމުންނެވެ.