Advertisement

16 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ހުޅުވާލި ބީލަން ބާތިލުކޮށްފި

18 ޑިސެންބަރު 2025 - 10:57 0

ހުޅުމާލޭގައި ފްލެޓެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ: ސަރުކާރުން ބުނަނީ މި ދައުރުގެ ތެރޭގައި 12،000 ހައުސިން ޔުނިޓު އިމާރާތްކުރާނެ ކަމަށް --- ފޮޓޯ: އަބްދުﷲ އަޔާން/އަދަދު


16 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ހުޅުވާލި ބީލަން ބާތިލުކޮށްފި

18 ޑިސެންބަރު 2025 - 10:57 0

މި ދައުރުގެ ތެރޭގައި 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން އެކި ރަށްރަށުގައި ހައުސިން ޔުނިޓުތައް އަޅައިދޭނެ ކޮންޓްރެކްޓަރުން ހޯދަން ކުރި އިއުލާނުގެ ތެރެއިން 16 ރަށެއްގެ އިއުލާން ފިނޭންސް މިނިސްޓްރީން އިއްޔެ ބާތިލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައި ވަނީ، އެ ރަށްރަށުގައި ހައުސިން ޔުނިޓުތައް އަޅަން ކުރި އިއުލާނުތަކާއި އެ އިއުލާނުތަކާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް، ހައުސިން މިނިސްޓްރީން އެދިގެން ބާތިލުކޮށްފައިވާ ކަމަށެވެ. އެ އިއުލާނުގައި އިތުރު އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތެވެ.

ހައުސިން މިނިސްޓްރީން ބާތިލުކުރި އިއުލާނުތަކުގައި ހުރި ރަށްތަކުގެ ތެރޭގައި، ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައިވާ ރަށްތަކާއި، އަމިއްލަ ކުންފުނިތަކަށް ބަހާލި ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ބައެއް ރަށްތަކާއި، މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުނުކުރާ ރަށްތައް ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބާތިލުކުރި އިއުލާންތައް

  • ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • އދ. މަހިބަދޫގައި 150 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. ދިއްދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • މ. މުލިގައި 300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ހދ. ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ދ. ކުޑަހުވަދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ލ. ގަމުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  • ކ. ތުލުސްދޫގައި 550 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް

ހައުސިން މިނިސްޓްރީން މި އިއުލާނުތައް ބާތިލުކުރިއިރު، "ބޯހިޔާވަހިކަމުގެ ބަޖެޓު" ގެ ގޮތުގައި ސަރުކާރުން މަރުކާ ކުރި މި އަހަރުގެ ބަޖެޓުން، ގެދޮރު އިމާރާތްކުރުމަށް ބަޖެޓު ކުރި ފައިސާގެ ބޮޑު ބަޔެއް ވަނީ ބޭނުން ނުކޮށެވެ.

އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި ހައުސިންއަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން، 186 މިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓު ކުރި އަދަދުގެ 10 ޕަސެންޓެވެ.