މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާ މުއިއްޒު އިއްޔެ މުލިއާގޭގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، މަސައްކަތް ހުއްޓިފައި ވަނިކޮށް، ކައުންސިލް އިންތިހާބާ ދިމާކޮށް އެ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ ނިންމެވުން ނިންމި ބައްދަލުވުމުގައި ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ބައިވެރިވެވަޑައިގަތެވެ. އަރީޝް ވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.
ރައީސް މުއިއްޒު މި ގޮތަށް ނިންމެވީ އިއްޔެ ހަވީރު މުލިއާގޭގައި އެ ފްލެޓްތަކުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހުއެވެ. މި ނިންމެވުން އައިސްފައިވަނީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އައު ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވި ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ދަށްވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
"މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފަ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
"އެގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް އުނިކުރެވޭނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ. ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ."
Comment