17 ފެބުރުވަރީ 2026 - 15:53 4
ލީވާން އަލީ ނާސިރު
މާލެހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ބައެއް ވެރިންނާ މުއިއްޒު ބައްދަލުކުރެއްވުން: އެ ބައްދަލުކުރެއްވުމުގައި ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދިނުމަށް މުއިއްޒު ވަނީ ނިންމަވާފައި -- ފޮޓޯ: ރައީސް އޮފީސް
17 ފެބުރުވަރީ 2026 - 15:53 4
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުހައްމަދު މުއިއްޒު ނިންމެވި މައްސަލަ ރަސްމީކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމެވި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުމާއެކު އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އޭޕްރީލް 4, ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް، އެއީ ރިޝްވަތު ދިނުން ކަމަށް ބުނަމުންނެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އެ ނިންމެވުން މުއިއްޒު ނިންމެވީ މުލީއާގޭގައި މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މާލޭގެ ޑަބްލިއުޑީސީގެ ރައީސަކަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނުގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް އަދި ގަލޮޅު ދެކުނަށް ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
މި ނިންމެވުން މުއިއްޒު ނިންމެވީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އާ ފްލެޓް އަޅައިދޭނެ ކަމަށްވީ ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ބާވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
Comment