Advertisement

މޭޔަރުކަން މުއިއްޒު ކުރެއްވީ ނަޒާހާތްތެރިކަމާއެކު އެއް ނޫން، މާލެ ސިޓީގެ ކަންކަން ފްލޮޕްވީ އެހެންވެ: ޔާމީން

ޕީއެންއެފް އިން މިރޭ ބޭއްވި ރީސެޓް ޖަލްސާގައި ކުރީގެ ރައީސް، ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު


މޭޔަރުކަން މުއިއްޒު ކުރެއްވީ ނަޒާހާތްތެރިކަމާއެކު އެއް ނޫން، މާލެ ސިޓީގެ ކަންކަން ފްލޮޕްވީ އެހެންވެ: ޔާމީން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވީ ނަޒާހާތްތެރިކަމާއެކު ނޫން ކަމަށާއި މާލޭގެ ކަންކަން ފްލޮޕްވެގެން ދިޔައީ އެ ސަބަބާހުރެ ކަމަށް ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ރީސެޓް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މާލޭގެ މޭޔަރުކަން މުއިއްޒު ކުރެއްވި ގޮތާމެދު ފަހުރުވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި، އެއީ ސިޔާސީ ގޮތުން ވިދާޅުވާ ވާހަކައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، މިއީ ސިޔާސީ ވާހަކައެއް ނޫން. ޑަޒްންޓް މޭކް މީ ޕްރައުޑް އެޓް އޯލް. މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން، ޕީޕީއެމްގެ އިސް ބޭފުޅަކު ހުންނަވައިގެން އަޅުގަނޑުމެންނަށް ބޭނުންވި އިންޓެގްރިޓީއެއް [ނަޒާހާތްތެރިކަމެއް] ގެނެހެއް ނުދެއްވި، އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކެއް ކޮށެއް ނުދެއްވި،" ޔާމީން ވިދާޅުވި އެވެ.

"މާލެ ސިޓީ ފްލޮޕްވެގެން މި ދިޔައީ، މާލެ ސިޓީ ކައުންސިލްގެ ހިންގުން ފްލޮޕްވެގެން މި ދިޔައީ އެ ކަމާހުރެ."

ޔާމީން ވިދާޅުވީ މުއިއްޒުއަކީ ކަންކަން ކުރައްވަން ބޭނުންފުޅު ނަމަ ކުރެވޭވަރުގެ ގާބިލު ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް، މިއަދު ފެނިގެން ދަނީ އެ މަންޒަރު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، މާލޭގެ ބިންތަކާ ބެހޭ މައްސަލަތައް އެޖެންޑާކުރާ ޖަލްސާތައް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކޮށް ބޭއްވިޔަ ނުދެއްވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

"މި ވަރުގެ ކައުންސިލަރުންތޯ ދެން ވެސް އަޅުގަނޑުމެން ނަގަން ބޭނުންވަނީ؟ މިއީ ކާކުގެ ހިމާޔަތެއް ހައްދަވަން؟ މިއީ ވެރިކަން ކުރައްވަން ހުރި ބޭފުޅެއްގެ ނޫނީ ކުރީގެ މޭޔަރުތޯ ހިމާޔަތް ކުރަނީ؟ މާލެ ސިޓީ ކައުންސިލުން ޖެހެނީ މާލޭ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރަން،" ޔާމީން ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓުކޮށް ބޭއްވިޔަ ނުދޭ ކައުންސިލަރުން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމަށް ކުފޫ ހަމަނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މީހުންގެ ކުފޫ ހަމަވަނީ ދިމްޔާތުގެ ބަދިގެ ބެލެހެއްޓުމާއި މުއިއްޒު ވިދާޅުވި ކަމެއް ވިދާޅުވި ގޮތަކަށް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.