Advertisement

ރޭގަނޑު ބާރައިގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާުލުކުރަން ފަށަން މުއިއްޒު އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ރޭގަނޑު ބާރައިގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާުލުކުރަން ފަށަން މުއިއްޒު އަންގަވައިފި

ރޭގަނޑު 12 ގެ ފަހުން އާންމު ތަންތަނުގައި އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް އަމަލުކުރަން އެންގެވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާއި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ދާތީ ކަމަށެވެ.

އަދި، އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މިފަދައިން އަމަލުކުރަން މުއިއްޒު އެންގެވިއިރު، އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އެގޮތުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި އޮންނަނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައި ހުރި ހައްގުތައް ހުރިހާ އެންމެންނަށް ވެސް ހަމަހަމައަށް ލިބިގެންވާ ކަމަށެވެ.

އަދި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައިގެން ނުވާ ކަަށް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.