Advertisement

ބިމާ ބެހޭ މައްސަލައެއް ތާވަލު ކުރުމުން ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީން ބޮއިކޮޓުކޮށް ކޯރަމް ހަމަވިޔަނުދިން!

ސިޓީ ކައުންސިލުގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ---


ބިމާ ބެހޭ މައްސަލައެއް ތާވަލު ކުރުމުން ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީން ބޮއިކޮޓުކޮށް ކޯރަމް ހަމަވިޔަނުދިން!

މާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާ ބެހޭ މައްސަލަތައް އެޖެންޑާގައި ހިމެނުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކުރުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

މިއަދުގެ ޖަލްސާ ޕީއެންސީން ބޮއިކޮޓުކޮށް ކޯރަމް ހަމަވިޔަ ނުދިންއިރު، މާލެއިން ދޫކޮށްފައިވާ ބިންތަކާ ބެހޭ މުހިންމު މަސައްކަތްތަކެއް މިއަދުގެ އެޖެންޑާގައި އޮތެވެ.

އެގޮތުން، މާލެ ސިޓީ ކައުންސިލުން އާންމުކުރި ލިސްޓުގައި ނެތް ބައެއް ބިންތަކާ ބެހޭ އެގްރީމެންޓުތައް އެ ކައުންސިލުގައި ހުރި ކަމަށް ބުނެ ބައެއް ކައުންސިލަރުން ވާހަކަ ދައްކަވާތީ، އެފަދަ އެގްރީމެންޓުތައް ހުރިނަމަ، އެ އެގްރީމެންޓުތަކާމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމާއި މާލޭގެ ބިންތައް ކުއްޔަށް ދޫކުރުމުގެ މުގާބިލުގައި ކުރަންޖެހޭ ކަންކަން ގަވާއިދުން ކުރަމުންދޭތޯ ބަލައި އެފަދަ ކަންކަން ކުރަމުން ނުދާނަމަ، އެ ފަރާތްތަކުގެ ކޮންޓްރެކްޓު އަތުލުމުގެ މައްސަލަ ހިމެނެ އެވެ.

އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ބޮނޑިބަތް ޕާކުގައި މިކްސްޑް ޔޫޒް ޕާކިން ބިލްޑިންއެއް އަޅަން ހަވާލުކުރި ކުންފުނިން އެ މަސައްކަތް ކޮށްފައި ނުވާތީ އޭގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތެވެ.

މިއީ ބިމާބެހޭ މައްސަލައެއް ތާވަލުކުރުމުން ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއް ކެންސަލް ކުރަންޖެހުނު ހަ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް މާލޭގެ ބިންތަކާ ބެހޭ މައްސަލަތައް ތާވަލުކުރި ޖަލްސާތައް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކޮށް ވަނީ ކެންސަލް ކުރުވައިފަ އެވެ.