Advertisement

މި އާދަތަކުން ސިކުނޑި ޒުވާންކޮށްލަމާ ހިނގާ!

about 2 hours 0


މި އާދަތަކުން ސިކުނޑި ޒުވާންކޮށްލަމާ ހިނގާ!

about 2 hours 0

އައިޑީ ކާޑުގައި އޮތް ގޮތުން މިހާރު އުމުރުން 55 އަހަރު ވަނީ ހެއްޔެވެ؟ ނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތަކުން، ތިމާގެ ހަގީގީ އުމުރަށް ވުރެ 10 އަހަރު ހަގު މީހެއްހާ ޒުވާންކޮށް ވެސް ސިކުނޑި މަސައްކަތް ކޮށްފާނެ އެވެ. ނުވަތަ ތިމާގެ ހަގީގީ އުމުރަށް ވުރެ 10 އަހަރު ދޮށީ މީހެއްހާ މުސްކުޅިކޮށް ވެސް ސިކުނޑި މަސައްކަތްކޮށްފާނެ އެވެ.

ފަރުވާލެއް ނެތްތާއެވެ! ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ސައެންސްވެރިން އެ ބުނަނީ، މިހާރު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތަށް ކުޑަކުޑަ ބަދަލެއް ގެނެސްގެން ވެސް، ތިމާގެ ސިކުނޑި ޅަ ކޮށްލެވިދާނެ ކަމަށެވެ. ފުރަތަމަ ކަމަކީ ރަނގަޅު ސިއްހީ ނިދުމަކަށް އާދަކުރުމެވެ. ތިމާގެ އުމުރާ އެންމެ އެކަށޭނަ މިންވަރަށް ކޮންމެ ރެޔަކު ވެސް ނިދުމެވެ. ދެވަނަ ކަމަކީ، ވަރުގަދަ އިޖްތިމާއީ ބަދަހި ގުޅުމެއް އޮތުމެވެ. ތިން ވަނަ ކަމަކީ އެހެން މީހުންގެ ފަރާތުން އީޖާބީ ނުފޫޒުތަކެއް ތިމާއަށް ފޯރުމެވެ. މާނައަކީ، ކަންކަމުގައި ހިތްވަރު ލިބުމާއި މީހުންގެ ރުހުމާއި އަޅައިލުމާއި ލޯބި ލިބުމެވެ.

ސައެންސްވެރިންގެ ހޯދުންތަކުން އެނގުނު ގޮތުގައި ދިރިއުޅުމުގެ އާދަތައް އެމީހަކު އިޚްތިޔާރު ކުރާ ގޮތާއި، އަދި އެމީހަކަށް ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާ ގޮތަކީ، އެމީހެއްގެ ސިކުނޑީގެ އުމުރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. ދާއިމީ ބަލިބަލީގައި އުޅޭ މީހުންގެ ސިކުނޑިއަށް ވެސް މިފަދަ ކަންކަމުން އަސަރުކުރެ އެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި މި ކަންކަމަކީ ކޮންމެ މީހަކަށް ވެސް އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެ ކަންކަމެވެ. ހާސްވުމާއި ކަންބޮޑުވުން ކުރިމަތިވުމުން އަމަލުކުރާނެ ގޮތް ދަސްކޮށްގެން ހާސްކަން ފިލުވިދާނެއެވެ. ނިދި މަދުވުމަކީ ވެސް ހައްލުކުރެވޭނެ ކަމެކެވެ. ކުރިމަތިވާ ނާއުންމީދުތައް، އުންމީދަށް ބަދަލުކޮށްލުމަކީ ވެސް ތަމްރީންތަކަކުން ކުރެވިދާނެ ކަމެކެވެ.

ސިކުނޑީގެ އުމުރާ ބެހޭ ގޮތުން ހެދި މި ދިރާސާގައި ބައިވެރިކުރީ މެދު އުމުރާއި މުސްކުޅި އުމުރުގެ 128 މީހެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކަށީގައި ނުވަތަ މަސްތަކުގައި ނުވަތަ ހުޅުތަކުގައި ދިގު މުއްދަތަކަށް ރިއްސުމުގެ ބަލި ނުވަތަ ކަކުލު ހުޅުގެ ރާއްޖެބަލި ތަހައްލަމު ކުރަމުންދާ މީހުންނެވެ. ދެ އަހަރުވަންދެން ކުރި މި ދިރާސާގައި ބައިވެރިން ސިކުނޑީގެ އެމްއާރްއައި ސްކޭންތަކެއް ހަދައި، ހާއްސަ ކޮމްޕިއުޓަރު ޕްރޮގްރާމެއްގެ އެހީގައި އެ ސްކޭންތައް ތަހުލީލުކޮށްގެން، އެމީހާގެ ހަގީގީ އުމުރާއި އޭނާގެ ސިކުނޑީގެ އުމުރު އަޅާކިޔައި، އުމުރުގެ ތަފާތު ދެނެގަތެވެ.

ދެ އުމުރުގެ ދެމެދުގައިވާ ތަފާތަށް ކިޔަނީ ބްރެއިން އޭޖް ގެޕް އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި މީހާގެ އަސްލު އުމުރާ އަޅައި ބަލާއިރު ސިކުނޑި މުސްކުޅިވެފައިވާ ކަމަށް ދެއްކި އެންމެންނަކީ ވެސް، ދިރިއުޅުމުގައި ދަތި އުނދަގޫ ކަންތައްތަކެއް ތަހައްމަލު ކުރަންޖެހިފައިވާ މީހުންނެވެ. އޭގެ ތެރޭގައި، ދާއިމީ ބައްޔެއް، ކުޑަ އާމްދަނީއެއް، ތައުލީމީ ފެންވަރު ދަށްވުން، އިޖްތިމާއީ ބަދަހި ގުޅުމެއް ނެތުން ފަދަ ކަންތައް ހިމެނެއެވެ.

އެމީހުންގެ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުމުން – ރަނގަޅަށް ނިދައި، ކަސްރަތުކޮށްގެން ބަރުދަން ލުއިކޮށް، ހާސްކަން އަމިއްލައަށް ފިލުވަން އެނގުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުން، އެހެން މީހުންނާއެކު ބަދަހި ގުޅުމެއް އުފެއްދުން – އެމީހުންގެ ސިކުނޑީގެ ޒުވާންކަން އިއާދަވާން ފެށިކަން ފާހަގަކުރެވުނެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، މިބުނި ފަދަ އާދަތަކުގެ މަތީގައި ކުރިންސުރެ އުޅެމުން އަންނަ މީހުންގެ ސިކުނޑީގެ އުމުރު، އެމީހުންގެ ހަގީގީ އުމުރަށް ވުރެ އަށެއްކަ އަހަރު ހަގު ކަމަށް ދައްކައެވެ. އަދި ދިރާސާގެ ދެ އަހަރުގެ ތެރޭގައި، އެމީހުންގެ ސިކުނޑި މުސްކުޅިވަމުން ދިޔަ އެވްރެޖް ނިސްބަތް ވެސް، ދިރާސާގެ އެނޫން މީހުންނާ އަޅައި ބަލާއިރު މާ ކުޑައެވެ.

މީހާގެ އުމުރު މަތިވަމުން ދާ ވަރަކަށް، ހަނދާން ބަލިވުމާއި (އަލްޒައިމާ)، ހަނދާނާއި ވިސްނުން އަދި ދުވަހުން ދުވަހަށް ކުރާ ކަންކަން ކުރުމުގެ ގާބިލްކަން ދަށްވާ ހާލަތު (ޑިމެންޝިއާ) މެދުވެރިވާ ކަން މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ އެނގިފައެވެ. އެހެންކަމުން، އެމީހެއްގެ ސިކުނޑި ދޮށިވަމުންދާ ނިސްބަތް ދަށް ކުރެވިއްޖެ ނަމަ، އުމުރުން ދުވަސްވުމުން މެދުވެރިވާ މިފަދަ ހާލަތްތަކުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.