about 4 hours 0
މުހައްމަދު ޝަހްޒާން
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ހާއްސަ ކުންފުނީގެ އީމެއިލްއެއް ހަވާލު ކުރުމަށް ވެސް ޕީސީބީން އަންގާފައިވޭ -- އާޓްވޯކް: އަދަދު
about 4 hours 0
ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ހާއްސަ އޮފިސަރުން އައްޔަނުކުރަން ޖެހޭނީ އެ ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.
އިންފޮމޭޝަން އޮފިސަރުންގެ ގޮތުގައި އަލަށް އައްޔަނުކުރާ ފަރާތްތަކާއި މިހާރު އެ ޒިންމާ އަދާކުރަމުންދާ މުވައްޒަފުންނަކީ ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ބެހޭ އެންމެހާ އުސޫލުތަކަށް ފަރިތަ ބަޔަކަށްވުމަކީ މުހިންމު ކަމެއްކަމަށް އެ ސާކިއުލާގައި ބުންޏެވެ.
ޕީސީބީން މިފަދަ ސާކިއުލާއެއް ނެރެނުއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދޭން ޖެހެނީ ދައުލަތުގެ އިދާރާތައް ކަމަށް ބަޔާން ކޮށްފައި އޮންނާތީ މީގެ ކުރިން ހިޔާލުތަފާތުވުން އުފެދިފައިވެ އެވެ.
އެގޮތުން، ބީއެމްއެލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހޯދުމަށް އާންމު ފަރާތަކުން ހުށަހެޅި ހުށަހެޅުމަކާ އެއްގޮތަށް މައުލޫމާތު ދޭން އެ ބޭންކުން 2023 ވަނަ އަހަރު ދެކޮޅު ހެދުމުން، އެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ބީއެމްއެލްއަށް އެންގި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން ވެސް، އެ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ނިންމައި، އެ އެންގުން ބާތިލު ކޮށްދިނުމަށް އެދި ބީއެމްއެލްއިން ދިޔައީ ހައިކޯޓަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށްފަހު ބީއެމްއެލްއިން ބުނީ ގާނޫނުގައި މައުލޫމާތު ދިނުމަށް ލާޒިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ބޭންކު ނުހިމެނޭ ކަމަށެވެ.
ނަމަވެސް، ހައިކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައި ވަނީ ގާނޫނުގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ތަނެއް ހިންގުމުގައި ދައުލަތެއް މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ބީއެމްއެލް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ވަންނާނެ ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމަށް ތާއީދުކޮށް ޖުލައި 28، 2024 ގައި ސުޕްރީމް ކޯޓުން ވެސް ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާތަކުގެ މާނައިގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ ކަމަށް ނިންމައިފަ އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުން ބޭނުންކުރަން ހާއްސަ، ކުންފުނީގެ ރަސްމީ އީމެއިލްއެއް ގެންގުޅެން ވެސް ފެންނަ ކަމަށެވެ. އެގޮތަށް އަމަލު ކުރުމުން، އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތުގައި ވެސް އެ ކުންފުންޏަކުން ހޯދަން އެދި ހުށަހަޅާފައިވާ މައުލޫތުތަކުގެ ތަފުސީލު ފަހުން ހަވާލުވާ މީހަކަށް ވެސް ފަސޭހައިން ފެންނާނެ ކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން އަންގާ އެންގުންތަކަށް ތަބާވުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ކަމެއްކަން އެ ސާކިއުލާގައި ހަނދާން ކޮށްދީފައިވެ އެވެ.
Comment