އާދީއްތަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި ޓެރަރިސްޓެއްގެ އަތުން ބަޑި ޖަހައިގަނެ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހުމަދު އަލް އަހުމަށް ތައުރީފު އޮހެމުން އެބަދެ އެވެ.
އުމުރުން 44 އަހަރުގެ އަހުމަދު ޓެރަރިސްޓު ހުއްޓުވާ ވީޑިއޯއަށް އެތައް މިލިއަން ވިއުސްއެއް ވަނީ ލިބިފަ އެވެ. އެ ކަމުގެ ތެރޭގައި އޭނާއަށް ވެސް އަނިޔާ ލިބި މިވަގުތު އޮތީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ކޮނޑަށް ފަސް ވަޒަން އެރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭނާއަކީ ހީރޯއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތޮނީ އަލަބަނީސް ވަނީ ސިފަކުރައްވާފަ އެވެ.
އަހުމަދުގެ ފުރަތަމަ ސާޖަރީ މިހާރު ނިމިފައިވާއިރު އިތުރު ދެ ސާޖަރީއެއް އޭނާ ފުރިހަމަކުރަން ޖެހެ އެވެ. އަހުމަދަކީ ސީރިއާ ދަރިކޮޅަށް ނިސްބަތްވާ އޮސްޓްރޭލިއާގެ ރައްޔިތެކެވެ. އޭނާއަށް އެހީތެރިވުމަށް ހުޅުވި ގޯފަންޑުމީ ޕޭޖަށް ވަނީ 24 ގަޑިއިރު ތެރޭ މިލިއަނެއްހާ ޑޮލަރު ލިބިފަ އެވެ.
އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި އަހުމަދު އިސްކުރީ އިންސާނިއްޔަތު ކަމެވެ. އަދި އެއްވެސް މީހަކު މަރާލުމުގެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް އޭނާ ބުނި ކަމަށް އާއިލާއިން ހާމަކޮށްފައި ވެ އެވެ.
މީގެ ކުރިން އޭނާ ފުލުހުންގެ ވަޒީފާ އަދާކުރި ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އެ ވަގުތު އޭނާ އިނީ ބޮންޑައި ބީޗުގައި ހުންނަ ކޮފީއެއްގައި ރައްޓެއްސަކާއެކު ކޮފީއެއްގައި ކަމަށް އާއިލާއިން ބުނެ އެވެ.
އެ ހަމަލާގައި 16 މީހުން މަރުވެފައިވާއިރު ހަމަލާ ދިނުމުގައި ބައިވެރިވި އެކަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އަނެކަކު ވެސް އޮތީ ސީރިއަސް ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ. އެއީ 50 އަހަރުގެ ބައްޕައަކާއި އޭނާގެ 24 އަހަރުގެ ދަރި އެވެ.
ހަމަލާ ދިނީ ޔަހޫދީ ދީނުގައި ފާހަގަކުރާ ހާއްސަ ދުވަހަކާ ގުޅިގެން ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޮސްޓްރޭލިއާއަކީ ރައްކާތެރިކަމަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މިފަދަ ހާދިސާތައް އެ ގައުމުގައި ވަރަށް ނުހިނގަ އެވެ.
Comment