about 2 hours 0
އަމަން ހަލީމް
އެޗްޑީސީގެ މައި އޮފީސް އިމާރާތް: އެޗްޑީސީގެ މައިގަނޑު މަސައްކަތަކީ ހުޅުމާލެ ތަރަައްގީކުރުން --- ފޮޓޯ: އަތޫފް އާތިފް/އަދަދު
about 2 hours 0
ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއަކާއި ފައިދާއެއް ހޯދަމުން އައި ކުންފުނިތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން އައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެޗްޑީސީގެ ރަސްމީ އޮޑިޓު ރިޕޯޓު އަދި އާންމު ނުކުރި ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރުގެ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަލީ ރިޕޯޓާއި ސެކްޓާ ރިޕޯޓުގައި ވަނީ އެ ކުންފުންޏަށް ގެއްލުންވީ ކަމަށް ބަޔާންކޮށްފަ އެވެ.
ޕީސީބީގެ ސެކްޓާ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެޗްޑީސީއަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، އެ ކުންފުނީގެ ހިންގުމާއި އެހެނިހެން ހަރަދުތައް ކަނޑާފައި ލިބުނީ 109 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
އެޗްޑީސީގެ މާލީ ހާލަތު ގޯސްވެފައިވާ މަންޒަރު އިތުރަށް ސާފު ވަނީ، ކުއާޓަލީ ރިޕޯޓުގައި ހުރި މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގެ ހިސާބުތަކަށް ބަލައިލުމުންނެވެ. އެ ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ފިޔަވައި ބާކީ ތިން ކުއާޓަރުގައި ވެސް ލިބުނީ ގެއްލުމެވެ.
އެޗްޑީސީއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 345 މިލިއަން ރުފިޔާ ގެއްލުންވިއިރު، މީގެ ސަބަބެއް ކަމަށް ބެލެވެނީ ކުންފުނީގެ ހިންގުމުގެ ހަރަދުތައް (އޮޕަރޭޓިން އެކްސްޕެންސަސް) އެހެން ކުއާޓަރުތަކަށް ވުރެ އިތުރުވުމެވެ.
ބިން ވިއްކައިގެންނާއި ކުލިން ބޮޑު އާމްދަނީއެއް ލިބޭ އެޗްޑީސީއަށް މިދިޔަ އަހަރު ގެއްލުންވީއިރު، އެޗްޑީސީގެ ގޯތި ވައްކަމާއި އެ ކުންފުނީގެ މެނޭޖުމަންޓުން ހިންގާފައި ހުރި އެހެން ވައްކަންތަކުގެ މައްސަލަ ފަޅާއެރީ މިދިޔަ އަހަރެވެ. މި ކަންކަމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރެވުނު އެކަކަކީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދެވެ.
އަބަދު ވެސް ފައިދާ ނެރެމުން އަންނަ އެޗްޑީސީގެ ފެންނަން ހުރި އޮޑިޓު ރިޕޯޓުތަކުން ދައްކާ ގޮތުގައި 2011 އިން 2023 އަށް، އެއްވެސް އަހަރެއްގައި އެ ކުންފުންޏެއް ގެއްލުމެއް ނުވެ އެވެ. އަދި މި 14 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ހަތަރު ފަހަރެއްގެ މަތިން ބިލިއަނަކަށް ވުރެ މަތިން ފައިދާ ހޯދާފަ އެވެ.
އެ ގޮތުން 2023 ވަނަ އަހަރަކީ ވެސް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނު އަހަރެކެވެ. އެ ކުންފުނީގެ ފައިސާ އެންމެ ބޮޑަށް އިތުރުވީ އަހަރަކީ 2017 އެވެ. އެ އަހަރު ގިނަ ބިންތަކެއް ވިއްކައިގެން އެޗްޑީސީން ވަނީ 6.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ.
މިދިޔަ އަހަރު އެޗްޑީސީއަށް ގެއްލުން ލިބުނު ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް ޕީސީބީގެ ރިޕޯޓުތަކުގައި ހުރި މައުލޫމާތުން ދައްކަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 268 މިލިއަން ރުފިޔާގެ ފައިދާއެއް ނެރެފަ އެވެ.
Comment