Advertisement

ލީގުގެ ދެ ވަނަ ބުރުގެ ޗެލެންޖުތަކަށް އޮޑި ތައްޔާރު

about 6 hours 0

އޮޑީގެ ކޯޗު އަންދްރޭސް ގާސިއާ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ލީގުގެ ދެ ވަނަ ބުރުގެ ޗެލެންޖުތަކަށް އޮޑި ތައްޔާރު

about 6 hours 0

ދިވެހި ޕްރިމިއާ ލީގުގައި ހުރިހާ ޓީމެއް ވެސް ކުރިއަށް ވުރެން ރަނގަޅުވާނެ ކަމަށާއި ކޮންމެ ޓީމަކަށް ވެސް މޮޅުވާން އެ އޮންނަ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭއިރު އޮޑި ސްޕޯޓްސް ކްލަބުން ވެސް އެ އަށް ތައްޔާރުވާނެ ކަމަށް އެ ކްލަބްގެ ކޯޗު، ސްޕެއިނުގެ އަންދްރޭސް ގާސިއާ ބުނެފި އެވެ.

މުޅިން އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މި އަހަރު ވާދަކުރަމުން އަންނަ އޮޑިން ލީގުގައި މިހާތަަނަށް ކުޅުނު 10 މެޗުން ހޯދި 25 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެން ފަސް ޕޮއިންޓް މަދުން ހޯދައިގެންނެވެ.

އޮޑިން ލީގުގައި އަށް މެޗުން މޮޅުވިިއިރު، ބަލިވީ މާޒިޔާ އަތުންނެވެ. ދެން، ޕޮއިންޓް ގެއްލުނީ އީގަލްސްއާ އެއްވަރުވި މެޗުގަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ގާސިއާ ބުނީ، ލީގުގެ ދެ ވަނަ ބުރަކީ މުޅިން "އާ ލީގެއް" ކަމަށް ކުޅުންތެރިން ގާތުގައި ބުނެފައިވާ ކަމަށެވެ. ސަބަބަކީ، ކޮންމެ ޓީމަކަށް ވެސް ކުރިއަށް ވުރެން ބޮޑަށް މޮޅުވުމުގެ ޕްރެޝަރު އޮންނާނެތީކަން ގާސިއާ ފާހަގަކުރި އެވެ.

"ލީގުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް އާ ކުޅުންތެރިން ގެނެސްގެން ޓީމު ވަރުގަދަކޮށްފައި އޮތީ. އަހަރެމެންނަށް އެނގޭ ކަމަކީ، ލީގު ތާވަލުގެ މަތީ މަގާމެއްގައި އޮތުމަށް، އެ ލެވަލްގައި ވާދަކުރަން ބޭނުންނަމަ، އަހަރެމެންނަށް އަމިއްލަ ލެވަލް ވައްޓާލެވިގެން ނުވާނެ. މި އިންޓެންސިޓީ ހިފަހައްޓަންޖެހޭ، އަހަރެމެން މި ހުރި ވަރަށް ޖައްސަންޖެހޭނެ،" ޗައިނާގެ ގުއަންޒޫ އެވަގްރާންޑޭގެ ރެއާލް މެޑްރިޑް ފައުންޑޭޝަންގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދީފައިވާ ގާސިއާ ބުންޏެވެ.

ގާސިއާ ބުނީ، ފުރަތަމަ 10 މެޗުގައި އެ ޓީމުގެ ކުޅުމަށް ބަލާއިރު، ޖުމްލަކޮށް ވަރަށް ރަނގަޅު ކަމަށެވެ. ލީގުގެ ތާރީހަށް ބަލާއިރު ވެސް އަލަށް ޕްރޮމޯޓްވެގެން އައި ޓީމަކުން، ލީގުގައި މި ވަރުގެ ނަތީޖާތަކެއް ނެރެފައިވާކަން ފެންނަން ނެތްކަމަށް ވެސް ގާސިއާ ވަނީ ބުނެފަ އެވެ.

މިއީ، ކްލަބެއްގެ ގޮތުގައި އޮޑި އަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކޮށް ގާސިއާ ބުނީ، އޭނާގެ ފިލޯސަފީ އާއި ވިސްނުންތަކާ އެއްގޮތަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިޔަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ ޓީމުގެ ކުޅުންތެރިން އެއްބާރުލުން ދީ މަސައްކަތް ކުރަމުން އަންނާތީ އެއީ ބޮޑު ފަސޭހައެއް ކަމަށެވެ.

"އަހަރެން ހީކުރީ، އަހަރެން ބޭނުންވާ ސްޓައިލަށް މި ކުޅުންތެރިން ކުޅެން ފަށަން ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް. އެކަމަކު، ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް އިތުބާރުކޮށް ކުޅުންތެރިން އެކުރާ މަސައްކަތުގެ ނަތީޖާ ކުޅުމުން އެ ފެންނަމުންދަނީ،" ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ގާސިއާ ބުންޏެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮޑީގެ ކުޅުންތެރިންނަށް ވިސްނައިދީ މަސައްކަތް ކުރަމުން އައީ ޓީމެއްގެ ވައްޓަފާޅި ގެންގުޅެ، ރަނގަޅު ކުޅުމަކާ އެކު މެޗުތަކުން މޮޅުވުމަށް ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ. އަދި، ލީގުގައި ހުރި އެހެން ޓީމުތައް ގޮތަށް އޮޑީގައި އިންޑިވިޖުއަލީ މާ މޮޅެތި ކުޅުންތެރިންތަކެއް ތިބި ކަމަށް ބަލައިގެން، ނަތީޖާ ނެރުމުގެ ވިސްނުމަށް ވުރެން އޮޑީގެ ކުޅުންތެރިންނަށް ގާސިއާ އުނގަނައިދިނީ ޓީމެއްގެ ގޮތުގައި ކުޅެގެން މޮޅުވުމުގެ މުހިންމުކަމާ އޭގެ ފައިދާ ބޮޑުވާނެ ކަމެވެ.

"މެޗަކުން ބަލިވިޔަސް އަހަރެންގެ ވިސްނުމަކީ އެ މެޗުގައި އަހަރެމެންގެ ސްޓައިލުގައި އެޓޭކަށް އިސްކަންދޭ ޓީމެއްގެ ގޮތުގައި ފެނުން،" ގާސިއާ ބުންޏެވެ.

އޮޑިން ވަނީ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން، ޓީސީ ސްޕޯޓްސް ކްލަބް އަތުން ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، އެހެން ޓިމުތަކެކޭ އެއްގޮތަށް އޮޑިން ވެސް ވަނީ އާ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. ގާސިއާ ބުނީ ބިދޭސީ ރަނގަޅު ކުޅުންތެރިންތަކެއް ވެސް ލީގަށް އިތުރުވުމާ އެކު، އަނެއްކާ ވެސް ޖުމްލަކޮށް މުޅި ލީގުގެ ލެވަލް އަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ގޮތުން، އޮޑިން ވެސް ލޯކަލް ހަތަރު ކުޅުންތެރިއަކު ޓީމަށް ގެނެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، ޓީމާ އަލަށް ގުޅުނު ކުޅުންތެރިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ރަނގަޅަށް މަސައްކަތްކުރަން ޖެހޭނެކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.

ކޮންމެ ކުޅުންތެރިއަކު ވެސް އާ ޓީމަކަށް އައިސް އެ ކުޅޭ ސިސްޓަމަށް ހޭނުމަަށްޓަކައި ވަގުތުކޮޅެއް ނަގާނެ ކަަމަށާއި އެ ގޮތަށް ބަލާއިރު، މި ފަހަރު އޮޑިއާ ގުޅުނު ކުޅުންތެރިން ރަނގަޅުކަން ގާސިއާ ވަނީ ފާހަގަކޮށްފަ އެވެ. އަދި، އިތުރު ކުޅުންތެރިން ޓްރާންސްފާ ނިމުމުގެ ކުރިން އޮޑިއާ ގުޅޭނެ ކަމަށް ގާސިއާ ހުރީ އުންމީދުގަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި އޮޑިން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، ހުކުރު ދުވަހު ހަވީރުގައި ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ.