Advertisement

އޮޑި އާއި ބުރުން ފޯރިގަދަ ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލަކަށް

about 7 hours 0


އޮޑި އާއި ބުރުން ފޯރިގަދަ ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލަކަށް

about 7 hours 0

މުޅިން އަލަށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިފައިވާ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބުން މިރޭ، ސެމީ ފައިނަލެއްގައި ކުރިމަތިލާއިރު، ދެ ކްލަބްގެ ވެސް އަމާޒުހުންނާނީ ފުރަތަމަ މުބާރާތުގައި ވެސް ފައިނަލަށް ދަތުރުކޮށް ތާރީހީ ކަމެއް ހާސިލްކުރުމަށެެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި މި ފަހަރު ފޯމެޓް އޮތް ގޮތުން ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ޖުމްލަ ހަ ޓީމަކަށެވެ. އެއީ، ތިން ޓީމުގެ ދެ ގްރޫޕަށް ބަހާލައިގެންނެވެ.

ބުރުން ގްރޫޕްގެ ފުރަތަމަ މެޗުން 1-0 އިން މާޒިޔާ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ޕްރެޒިޑެންޓްސް ކަޕްގެ ތާރީހެއް އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި އެވެ.

ޓީސީ ސްޕޯޓްސް ކްލަބް، ފުރަތަމަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ، އެ ޓީމު ގޮވައިގެން ޕްރެޒިޑެންޓްސް ކަޕްގެ ދެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅޭ ބުރުން ގްރޫޕްގެ ދެ ވަނަ މެޗުގައި ވިކްޓަރީ ކައިރީގައި ދެއްކީ އުންމީދީ ކުޅުމެކެވެ.

މި ފަހަރުގެ ދިވެހި .ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ބުރުން ލީޑު ނަގާފައި ވަނިކޮށް އޮޑިން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. އަދި، ލީގުގެ ދެ ވަނަ ބުރުގައި މި ދެ ޓީމުން މީގެ މަަހެއްހާ ދުވަސް ކުރިން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ގައުމީ ފައިނަލަށް ދިއުމަށްޓަކައި، ބުރަށް އޮތް ޗެލެންޖަކީ، މި ސީޒަނުގައި އެ ޓީމަށް ހާސިލްނުކުރެވި އޮތް ކަމެއް ކުރުމެވެ. އެއީ، އޮޑިގެ މައްޗަށް ކުރިހޯދުމެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަނުގައި އޮޑިން ވަނީ މިހާތަނަށް ވެސް ތައުރީފު ހައްގު މަސައްކަތެއް ކޮށްފަ އެވެ. ސްޕެއިނުގެ ކޯޗު އަންދްރޭ ގާސިއާގެ އިރުޝާދުގެ ދަށުން ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު ނިންމާލީ ބަލިނުވެ އެވެ. ފުރަތަމަ މެޗުގައި ނިއުއާ 1-1 އިން އެއްވަރުކުރިއިރު، ދެ ވަަނަ މެޗުގައި، 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އީގަލްސް އަތުން ވަނީ 4-2 އިން މޮޅުވެފަ އެވެ.

އޮޑި އާއި ބުރު ކުޅޭ ސެމީ ފައިނަލް މެޗު މިރޭ 22:00 ގައި ފަށާއިރު، މޮޅުވާ ޓީމެއް އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ މި ސީޒަނުގައި މިހާތަނަށް ބަލިނުވެ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ.

މާޒިޔާ އިން ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކުރީ 6-5 އިންނެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.