Advertisement

އޮޑިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ނިއުއާ އެއްވަރު

about 2 hours 0

ނިއު އާއި އޮޑިން ވާދަކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


އޮޑިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ނިއުއާ އެއްވަރު

about 2 hours 0

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ވަނީ 1-1 އިން އެއްވަރުވެއްޖެ އެވެ.

މިއީ، 12 ފަހަރު ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދާފައިވާ ނިއު އިން 2017 ވަނަ އަހަރުގެ ފަހުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މިއީ، މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި އޮޑިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ނިއު އިން ވަނީ 11 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އޭރިއާތެރެއަށް ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހަކުން ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ ބޮލުން ޖައްސާލި ބޯޅަ އެ ޓީމުގެ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ނިއު އިން މި ލަނޑާ އެކު، ފުރަތަމަ ހާފުގައި ކުރީގައި އޮވެގެން ނިންމާލި ނަަމަވެސް ދެ ވަނަ ހާފު ފަށައިގެން ނުވަ މިނިޓް ތެރޭ އޮޑިން އެއްވަރުކުރި އެވެ. މިއީ، އޮޑީގެ މުޒްދާން ހަސަން، ނިއުގެ އޭރިއާތެރެއިން ހަމަލާއެއް ފޮނުވާލަން އުޅެނިކޮށް، ދިފާއުކުރުމުގެ ތެރޭގައި ނިއުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ބޯޅަ ބައިކޮޅަށް ވަނީ އަހުމަދު އިނާން ފައިގައި ޖެހިފަ އެވެ.

އޭގެ ފަހުން، އޮޑިން ގޯލެއް ޖެހޭތޯ އެޓޭކް އިތުރުކުރި އެވެ. ނިއުގެ އޭރިއާތެރެއިން މުޒްދާން ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެެވެ. އެ ގޮތުން، ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުތަކުގައި ވެސް މުޒްދާން ފޮނުވާލި ޝޮޓްތައް ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާން ނިންމާފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައިވާ ހަތަރު ޓީމު ދެ ގްރޫޕަކަށް ބަހާލައި ތާވަލްގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ސީޑްކުރާނެ އެވެ. އަދި، ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށް ވަނަ އާ ދެމެދުގެ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް މެޗްތައް ކުޅެގެން މޮޅުވާ ޓީމުތައް ގްރޫޕްތަކަށް ކޮލިފައިވާނެ ކަމަށެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމު ކްރޮސް ކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ވަނީ އެކުލަވާލައިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ފަހަރުގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން، މިއަދު ހަވީރު ވަނީ ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.

ނިއު އާއި އޮޑިއާ އެއް ގްރޫޕެއްގައި ދެން އޮތީ 2016 ވަނަ އަހަރުގެ ޗެމްޕިއަން، ކްލަބް އީގަލްސް އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ދެން އޮތް މެޗުގައި، ހުކުރު ދުވަހު ހަވީރު ނިއު އިން ކުޅޭނީ އީގަލްސްއާ އެވެ. އަދި، އެ ރޭ ބުރުން ކުޅޭނީ ވިކްޓަރީ އެވެ.