about 3 hours 0
about 3 hours 0
ބާސެލޯނާ (ޑިސެމްބަރު 13) - ދެ ވަނަ ހާފުގައި ރަފީނިއާ ޖެހި ލަނޑުތަކުން 2-0 އިން އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
މި ނަތީޖާއާ އެކު، ބާސެލޯނާ އިން އެއް ވަނައިގައި އޮތީ 17 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ އަލަވޭސް އަތުން ރެއާލް މޮޅުވެއްޖެނަމަ، ބާސެލޯނާގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.
ތިން ވަނައިގައި އޮތް ވިޔަރެއާލަށް ވަނީ 15 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ އަތުން 2-1 އިން މޮޅުވި، އެތުލެޓިކޯ މެޑްރިޑުން ހަތަރެއްގައި އޮތީ، 17 މެޗުން 34 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ފުރަތަމަ ހާފުގައި ފެރަން ޓޮރޭޒް ޖެހި ގޯލުން ލީޑުނެގި ކަމަށް ބެލެވުނު ކަމުގައި ވިޔަސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. ބާސެލޯނާ އަށް ލަނޑު ޖަހައިދޭން މާކަސް ރެޝްފޯޑަށް ލިބުނު ފުރުސަތުތަކުގައި ގޯލަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.
މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިދިން ލަނޑު، މެޗުގެ 70 ވަނަ މިނިޓްގައި ރަފީނިއާ ޖެހީ، ޕެޑްރީ ތަަނަަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
އަދި، މެޗުގެ 86 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބާސެލޯނާގެ ޖޫލްސް ކޫންޑޭ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޮސަސޫނާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި، ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ރަފީނިއާ އަށް ލިބުމުން ޖެހި ގޯލެކެވެ.
މި މެޗުގައި، އޮސަސޫނާގެ ވިކްޓަ މުނޯޒް ވަނީ ލިބުނު މަދު ފުރުސަތުތަކުގައި ވެސް ބާސެލޯނާގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފަ އެެވެ. އެކަމަކު، އޭނާ އަށް ބާސެލޯނާގެ ގޯލުގައި ހުރި ޖޮއާން ގާސިއާ ކައިރިން ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ގޯލުތަކާ އެކު، ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން މި ވަނީ 49 ލަނޑު ޖަހައިފަ އެވެ.
Comment