އަންނަ އަހަރު ރ، މަޑުއްވަރީގައި ބާއްވާ" ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ލޯންޗުކޮށްފި އެވެ.
މިއީ މިހާތަނަށް މަޑުއްވަރީގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް ކަމަށް މުބާރާތް އިންތިޒާމްކުރާ ލަ ސޯނިޔާ އިން މައުލޫމާތު ދީފައިވެ އެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަނީ މުބާރާތް ހިންގުމުގައި ވެސް ހަރަކާތްތެރިވާ، ލަ ސޯނިޔާ މޯލްޑިވްސް އިންނެވެ. ލަ ސޯނިޔާ މޯލްޑިވްސް އަކީ ވަރަށް އަވަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ގެސްޓް ހައުސް އެކެވެ.
ޔުނިޓީ ކަޕް، ބޭއްވުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ލަ ސޯނިޔާ އިން ފާހަގަކޮށްފައިވަނީ، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ކުރިއަރަމުން އަންނަ ފުޓްސަލް ކޮމިއުނިޓީގެ މެދުގައި ފޯރިގަދަ އިވެންޓެއް ކުރިއަށްގެންދިއުމަށެވެ.
ޔުނިޓީ ކަޕްގެ އެންމެ ބޮޑު ހާއްސަ ކަމަކީ، މިއީ، ތާރީހުގައި ވެސް މިހާތަނަށް މަޑުއްވަރީގައި ބޭއްވިގެންދާނެ އެންމެ އަގުބޮޑު މުބާރާތެވެ. އެ ގޮތުން، އަންނަ އަހަރުގެ މާޗް 10 ވަނަ ދުވަހު ފަށާ މި މުބާރާތުގައި އެހެން މުބާރާތްތަކާ ހިލާފަށް މޮޅުވާ ޓީމުތަކަށް ވެސް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ރޭވިފަ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދޭން ނިންމާފައިވާއިރު، ރަނަރަޕަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި، މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާ ކޮންމެ ޓީމަކަށް 1500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ގޮތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު، 43000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ، މުބާރާތް ވީހާވެސް ފޯރިގަދަކޮށް ހިންގުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
Comment