about 2 hours 0
ލީވާން އަލީ ނާސިރު
ތިން މިނިސްޓްރީގައި އަލިފާން ރޯވުން: އެ ހާދިސާ ހިނގިތާ މިއަދަށް ވަނީ އެއް އަހަރު ވެފައި -- ފޮޓޯ: އެމްޓީސީސީ
about 2 hours 0
މިދިޔަ އަހަރުގެ ޑިސެމްބަރު 12، ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާއަށް މިއަދަށް އަހަރެއް ފުރިގެންދިޔައިރު ވެސް ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރި އެވެ.
އެ އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރަމުންދިޔަ ނަމަވެސް އެ މުއައްސަސާއިން މިކަމާ ގުޅިގެން އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.
އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު 17، ގައި ފުލުހުން އިއުލާނު ކުރި އެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.
އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 20، ގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު 22، ގަ އެވެ. އެކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.
އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.
Comment