12 ޑިސެންބަރު 2025 - 11:20 0
އިމޭޖަސް.އެމްވީ އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.---- ފޮޓޯ: އިމޭޖަސް.އެމްވީ
12 ޑިސެންބަރު 2025 - 11:20 0
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް.އެމްވީ ހަމަޖައްސައިފި އެވެ.
އެ ގޮތުން، އަންނަ އަހަރުގެ މުބާރާތުގެ ފޮޓޯގްރަޕީ ޕާޓްނަރަކަށް އިމޭޖަސް.އެމްވީ ހަަމަޖައްސައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އެވެ.
އިމޭޖަސް.އެމްވީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އިސްމާއިލް ތޯރިގު (އިއްސެ) އެވެ.
ގޯލްޑަންއާ އެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ގާތުން މަަސައްކަތް ކުރަމުން އަންނަ އިމޭޖަސް.އެމްވީގެ ފަރާތުން އިއްސެ ބުނެފައިވަނީ، ފޮޓޯގްރަފީގެ އިތުރުން މުބާރާތުގެ ކަންކަން އިތުރަށް ފުރިހަަމަ ކުރުމުގެ ގޮތުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތަކީ އިމޭޖަސް.އެމްވީ އަށް ވެސް ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި އެ ގޮތުން، ކަވަރޭޒް ވީހާވެސް ފުރިހަމަ އަށް ގެނެސްދިނުމަށްޓަކައި، މުބާރާތް ބާއްވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި އެހެނިހެން ޕާޓްނަރުންގެ އިތުރުން، މުބާރާތުގައި ކުޅޭ ޓީމުތަކާއި ކުޅުންތެރިންނަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އިމޭޖަސް.އެމްވީ އަށް އިތުބާރުކޮށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް މި ފުރުސަތު ދޭތީވެ، އެކަން ވެސް ވަނީ ފާހަަގަކޮށްފަ އެވެ.
ރާއްޖޭގެ ސްޕޯޓްސް ފޮޓޯގްރަފީގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިމޭޖަސް.އެމްވީ އަކީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން ބާއްވާ މުބާރާތްތަކުގައި ވެސް ފޮޓޯގްރަފީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ފޮޓޯ އެޖެންސީ އެކެވެ. ރާއްޖޭގައި ބާއްވާ ވާދަވެރި ގިނަ މުބާރާތްތަކުގައި ވޭތުވެދިޔަ އަހަރުތަކުގައި އިމޭޖަސް.އެމްވީ އިން ވަނީ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށް ފުރިހަމަ ކަވަރޭޖެއް ދީފަ އެވެ.
މި އަހަރުގެ މުބާރާތުގައި 119 ޓީމުން ބައިވެރިވެފައިވާއިރު، މުބާރާތް ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު، އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން، ކ. ކާށިދޫ އާއި ބ. އޭދަފުށްޓާ ދެމެދު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ އަށް ފަހު، އަތޮޅު ބުރުގެ މެޗުތައް، ޖެނުއަރީ ހަތަރެއްގައި ފެށޭނެ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19ގެ ސަަބަބުން އައި މެދުކެނޑުމާ ހެދި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ތ. ތިމަރަފުށިން ތިން ފަހަރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، ކ. ކާށިދޫ މާފަންނު އަދި ހެންވޭރު އެވެ.
Comment