Advertisement

"ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ބުނީ ހެއްކެއް ނެތި، އެއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގަށް ހުރަސް އެޅޭނޭ ކަމެއް"

11 ޑިސެންބަރު 2025 - 23:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


"ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ބުނީ ހެއްކެއް ނެތި، އެއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގަށް ހުރަސް އެޅޭނޭ ކަމެއް"

11 ޑިސެންބަރު 2025 - 23:52 0

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ދިފާއީ ވަކީލުން މައްސަލަތަކުގައި ހެކިބަސް ދިނުމަށް ދާ ހެކިވެރިންނަށް ބިރު ދައްކައި ފުރާނައަށް ނުރައްކާވާނެ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

ގދ. ފަރެސްާތޮޑާ، ކޮކާ، އިބްރާހިމް އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި އަލީ އާދަމް ވަނީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރާ ވަކީލުން އެކި ގޮތްގޮތަށް ހެކިންނަށް ބިރު ދައްކާކަން އެނގޭއިރު، އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދީ މިއަދު ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެ ހުކުމާ ގުޅިގެންނާއި އެ ހުކުމުގެ ހަބަރުތަކުގެ ސަބަބުން ދިފާއީ ވަކީލުންނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެއީ ދިފާއި ވަކީލުންނަކީ ކުށް ކުރާ ބައެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއް ކަމަށް ބާ ކައުންސިލަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަމުގައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އޮންނަ ހައްގު ފޯރުކޮށްދޭ ވަކީލުންނަށް ނިސްބަތްކޮށް އެ ވަކީލުންނަކީ ކުށްވެރިން ކަމަށް ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތްތަކެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން، ޝަރުއީ ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އުފަދަ ތުހުމަތެއް ރައްދު ކުރުން ބާ ކައުންސިލުން ކުށްވެރިކަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއީ އަދުލު އިންސާފުގެ ނިޒާމާމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަތައް ހުށަހަޅަން ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި އެފަދަ މައްސަލަތައް ހުށަހަޅަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.

"ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައް ކުރަމުން ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ބާ ކައުންސިލުން އިލްތިމާސްކުރަން."

ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި އަލީ އާދަމް ވިދާޅުވީ ހެކިންގެ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާރަށްވުރެ ބޮޑަށް ތަހުގީގީ އިދާރާތަކުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި ދިފާއީ ވަކީލުންނާ ގުޅުވައި ގާޒީ ދެއްކެވި ވާހަކަތައް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަކީލުންނަށް އަމާޒުވި އެވެ.