Advertisement

ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މައުރޫފު ދޫކޮށްލަން އެމްޑީޕީ ޕީޖީ އިން ގޮވާލައިފި

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގެ ތެރެއިން މައުރޫފު ވާހަކަދައްކަވަނީ ---- ފޮޓޯ: ބީކޭއެމްޔޫ


ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ މައުރޫފު ދޫކޮށްލަން އެމްޑީޕީ ޕީޖީ އިން ގޮވާލައިފި

ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކެޓްރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީ ޕީޖީ އިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުކުރަން ފެށީ ބާނާ ބޮޑުކަންނެލި މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނާތީ ކަމަށެވެ. އަދި، އެ ދާއިރާއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.

"އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ހައްގު ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާކަމަށް، ގާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ،" އެމްޑީޕީ ޕީޖީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މައުރޫފު ހައްޔަރުކުރީ ގާނޫނުއަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ހިފަމުން ދަނިކޮށް އަނިޔާވެރިކޮށް ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށް ބުނުމުގެ އިތުރުން ވަގުތުން ވަގުތަށް އޭނާ ދޫކޮށްލުމަށް ވެސް އެމްޑީޕީން ވަނީ ފުލުހުންނާއި ސަރުކާރަށް ގޮވާލާފަ އެވެ.

މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ތިން ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ދެ ދޯންޏެއްގެ ކެޔޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.

ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.