about 10 hours 0
އަހުމަދު އާއިދު
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގެ ތެރެއިން އިއްޔެ ހަވީރު މާލޭ ބޭރުގައި ދޯނިތައް އަތުރާލައިގެން --- ފޮޓޯ: އަދަދު
about 10 hours 0
ބުދަ ދުވަހު ހެނދުނުން ފެށިގެން ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލަން މަސައްކަތް ކުރުމުން މާލެ ބޭރުގައި އޮތް ދޯނިތައް ހުޅުމާލެ ފަޅަށް ދިޔަ ނަމަވެސް މުޒާހަރާ ހުއްޓާ ނުލާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.
ބީކޭއެމްޔޫ ގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ ދޯނިތައް މިވަގުތު ތިބީ ހުޅުމާލެ ޖެޓީގައި ކަމަށެވެ. އަދި، ސަރުކާރުން އެދެވޭ ޖަވާބެއް ދެން ދެން ހުއްޓުމެއްނެތި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ކަންނެލި ޖެޓީން މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.
ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އެއްވެސް ވަރަކަށް އިޖާބަނުދިނުމުން އެ މީހުން ވަނީ ހުޅުމާލެ ފަޅުން ނުކުމެ، މާލެއަށް މިސްރާބު ޖަހައިފަ އެވެ. މާލެ ކައިރީގައި އަޑުގަދަކުރާއިން ޑިމާންޑުތައް އިއްވުމަށްފަހު މުޒާހަރާގެ ބައިވެރިންގެ ދޯނިތައް އެޅީ މާލޭ އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުގަ އެވެ.
އެ ތަނުގައި މުޒާހަރާގެ ބައިވެރިން ތިއްބާ މިއަދު ހެނދުނު ފުލުހުން ވަނީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އިމިގްރޭޝަން އޮފިސަރުންނާއެކު ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެއަށްފަހު ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތަކަށް އަރައި ދެ ދޯންޏެއްގެ ކޮންޓްރޯލް ވެސް ނަގައިފަ އެވެ. އެ ދޯނިތައް ގެންދިޔައީ ފުލުހުންގެ މަރުކަޒެއް ކަމަށްވާ ދޫނިދޫއަށެވެ.
މުޒާހަރާ ރުޅާލުމަށްޓަކައި، މުޒާހަރާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެގޮތަށް ފުލުހުން އަމަލުކުރުމަށްފަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މައުރޫފް އާއި އިމްރާންގެ އިތުރުން ވެސް އިތުރު މީހަކު ހައްޔަރުކުރި ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުންޏެވެ.
Comment