16 ފެބުރުވަރީ 2026 - 22:59 0
މާޒިޔާ އިން ލަނޑު ޖެހުމަށް ފަހު އުފާފާުޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
16 ފެބުރުވަރީ 2026 - 22:59 0
ވިކްޓަރީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް އެ ޓީމު ކަޓުވާލައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބުރު ސްޕޯޓްސް ކްލަބާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗަށް ނުކުުތްއިރު ވެސް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއްގެ ފުރުސަތު ބޮޑުވެފަ އެވެ. އެއީ، ފުރަތަމަ މެޗުން 1-0 އިން ބުރު ބަލިކޮށްގެންނެވެ. އެކަމަކު، ބުރުން ވަނީ 2-1 އިން ވިކްޓަރީ ބަލިކޮށް މި ގްރޫޕް ފޯރިގަދަކޮށްލައިފަ އެވެ. އެހެންވެ، މިރޭގެ މެޗަށް ނުކުތްއިރު މި ގްރޫޕުން ސެމީ ފައިނަލުގައި އެއްވެސް ޖާގައެއް ޔަގީންވެފައި ނެތެވެ.
މިރޭގެ ނަތީޖާއާ އެކު، މާޒިޔާ އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ބުރު އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ވިކްޓަރީ ކެޓީ ދެ މެޗުން ވެސް ބަލިވެގެންނެވެ.
ގަލޮޅު ދަނޑުގައި މިރޭގެ މެޗު ފަށައިގެން ވިކްޓަރީން އެޓޭކަށް ޖެހިގެން ގޯލެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. ވިކްޓަރީގެ އެޓޭކުގައި ކުޅެމުން އައި، އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ނަސޫހު ރަޝީދު (ޕިލާ) އަދި ސްލޮވާކިއާގެ ފޯވާޑް މިލޯސް ލެޗްނީ އަށް ލިބުނު ފުރުސަތުތަކުގައި އެޓޭކްކުރި ނަމަވެސް މާޒިޔާގެ ޑިފެންޑަރުންނާއި ކީޕަރު ހުސެއިން ޝަރީޕް (ހުސެން) ވަނީ ހުއްޓުވައިފަ އެވެ.
މާޒިޔާއިން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، ގޯލު ހުޅުވާލައިދިނީ ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ އެވެ. އަހުމަދު އައިހަމް (ފަތޯ) ނެގި ހުރަހެއްގައި މުހައްމަދު އިލާން އިމްރާން ފައިން ޖައްސާލި ބޯޅަ، މެންޑީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން، މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ ހައިޝަމް ހަސަން (ބިޑި) އެވެ. މިއީ، ނާއިޒު ހަސަން (ދާދު) ނެގި ހުރަހަކުން ހައިޝަމް އޭރިއާތެރެއިން ޖެހި ގޯލެކެވެ.
ޕްރެޒިޑެންޓްސް ކަޕްގެ އެއް ސެމީ ފައިނަލުގައި މާޒިޔާ އިން ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. ދެ ވަނަ ސެމީގައި ބުރުން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. ސެމީ ފައިނަލް ދެ މެޗު އޮންނާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހުގެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment