about 19 hours 2
ލީވާން އަލީ ނާސިރު
މަސްވެރިން ކުރަމުންދާ މުޒާހަރާގައި ބައިވެރިވާ ދޯނިތަކަށް ފުލުހުން އެރުން -- ފޮޓޯ: ޝާފިއު / އަދަދު
about 19 hours 2
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާ ބައެއް އޮޑިދޯނިފަހަރުތަކުގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ހަތަރު ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން އެއް ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މުޒާހަރާ އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ކޯޓާ އޮވެގެން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށެވެ.
"އެމީހުން [ފުލުހުން] ބިދޭސީން ނަގަމުންދަނީ. އެއީ ހަމަ ކޯޓާގައި ތިބި މީހުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ "މަގުބޫލު" ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށާއި އެ ދޯނި ދުއްވަނީ މިވަގުތު ފުލުހުން ކަމަށެވެ.
ޔޫނިއަންގެ ފަރާތުން ފުލުހުންނާ ވާހަކަ ދެއްކި އިސްވެރިޔަކު ދޯނީގައި ހުރެ ބުނި ގޮތުގައި ބިދޭސީން ދިރިއުޅެމުންދަނީ އެ ދޯނިތަކުގަ އެވެ. އެ މީހުން ދޯނިތަކުގައި މަސައްކަތް ކުރަމުން ދަނީ ވެސް އިމިގްރޭޝަނާއި ފިޝަރީޒް މިނިސްޓްރީ އާއި ދޯނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުން. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި," ފުލުހުން ބުންޏެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި މާލޭ އެއް ނަންބަރު ފާލަން ބޭރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިވަގުތު 25 ވަރަކަށް ދޯނި އެބައޮތެވެ.
މަސްއޮޑިފަހަރަށް އިމިގްރޭޝަން އޮފިސަރުންނާއެކު ފުލުހުން އަރަން ފެށީ މުޒާހަރާއަށް ހުރަސް ނާޅަން މަސްވެރިންގެ ޔޫނިއަނާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން މިއަދު ގޮވާލައިިފައި އޮއްވަ އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment