about 23 hours 0
ލީވާން އަލީ ނާސިރު
އެފްއައިޔޫގެ ވެރިޔާ ސާޖިދު: ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް -- ފޮޓޯ: އިމިގްރޭޝަން
about 23 hours 0
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދުގެ މައްސަލައެއް ނުބަލާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސާޖިދުއާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
"މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައި ނުވޭ،" ފުލުހުން ބުންޏެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ޑިސެމްބަރު 25، އިން ފެށިގެން ސާޖިދު ހުރީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޮގަސްޓު 3، ގަ އެވެ.
ސާޖިދު އެ މަގާމަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
Comment