about 20 hours 5
ލީވާން އަލީ ނާސިރު
އާޓްވޯކް: އިސްމާއިލް އިމްދާދު
about 20 hours 5
އައްޑޫ ހައި ސްކޫލްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން ޓީޗަރު ސަސްޕެންޑުކޮށް، ދަރިވަރަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވާކަން އަދަދު އަށް އެނގިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ޓީޗަރާއި ދަރިވަރު މާރާމާރީ ހިންގި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އޭގެއިތުރުން ޓީޗަރަށް ދަރިވަރު އެކި ގޯނާތައް ކުރާ ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ދަރިވަރު ގައިގައި ޓީޗަރެއް އަތްލުމުން މައްސަލަ ބެލުމުގެ ގޮތުން އުސޫލުގައިވާ ގޮތުން ސަސްޕެންޑުކޮށް، އެ ޓީޗަރު މާލެ ގެނެސްފައިވާ ކަމަށެވެ.
"އުސޫލީ ގޮތުން ކަމަކާ ލައިގެން ވިޔަސް ކަމަކާ ނުލައި ވިޔަސް ކުއްޖެއްގެ ގައިގައި އަތްލެވޭ ހިސާބުން އެއީ އަޅުގަނޑުމެން ތަރުހީބުދޭ ކަމެއް ނޫން އެއީކީ. އެހެންވީމަ އެހިސާބުން ޓީޗަރުގެ ސަސްޕެންޝަނަކީ އޮޓޮމެޓިކް ޕްރޮސެސްއެއް. އެހެންވީމަ އަޅުގަނޑުމެންނަށް ފެނުނީ ޓީޗަރު މިކޮޅަށް ބަދަލުކުރުން ކަމަށް ނުވަތަ ގެނައުން ކަމަށް ރަނގަޅީ،" އޮފިޝަލް ވިދާޅުވި އެވެ.
ޓީޗަރުގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދާއިރު، ދަރިވަރު ގައިގައި ޓީޗަރު އަތްލި މައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ދަރިވަރުގެ އަމަލުތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށާއި އެ އަޅާ ފިޔަވަޅަކާ މެދު އެޑިއުކޭޝަން މިނިސްޓްރީ އާއި އައްޑޫ ހައި ސްކޫލާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ދަރިވަރުގެ ބިހޭވިއާ އަކީ ދެރަވަރު ބިހޭވިއޭއެއް އެއީ. އެއާ ބެހޭގޮތުން ވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފިޔަވަޅު އަޅާނެ. 100 ޕަސަންޓު އަޅާނެ. ޓީޗަރެއް ގައިގައި އަތްލައިފި ކަމަށްވަނީނަމަ އެޑިއުކޭޝަނުން އެ ދަރިވަރަކަށް ފިޔަވަޅު އަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ދިވެހި ޓީޗަރުން މަދު އެތައް ހާސް ބިދޭސީ ޓީޗަރުންނެއް ވަޒީފާ އަދާކުރަމުންދާއިރު، އެ ޓީޗަރުންނަށް އިހުތިރާމް އަދާކުރަން ޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ޓީޗަރުންނަށް އިހާނެތިކޮށް ހިތުމަކީ އެއްގޮތަކަށް ވެސް ދޫދޭނެ ކަމެއް ނޫން ކަމަށެވެ.
އައްޑޫ ހައި ސްކޫލްގައި ޓީޗަރާއި ދަރިވަރާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުން ޓީޗަރު ގޯސްކޮށް ވާހަކަ ދައްކަމުންދާއިރު، ބައެއް މީހުން ގޯސްކުރަނީ ދަރިވަރެވެ.
Comment