Advertisement

ނަދީމަށް މުއްދަތު ޖެހީ ގާނޫނީ ހަމަތަކާ ހިލާފަށް، އަޑުއެހުން ސިއްރުކުރި ގަޑި ކޯޓަށް ވެސް ނޭނގޭ: ވަކީލު

23 ޑިސެންބަރު 2025 - 09:56 1

ނަދީމުގެ ބަންދުގެ އިސްތިއުނާފު އަޑުއެހުން --- ފޮޓޯ: ސްކްރީންޝޮޓް


ނަދީމަށް މުއްދަތު ޖެހީ ގާނޫނީ ހަމަތަކާ ހިލާފަށް، އަޑުއެހުން ސިއްރުކުރި ގަޑި ކޯޓަށް ވެސް ނޭނގޭ: ވަކީލު

23 ޑިސެންބަރު 2025 - 09:56 1

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމްއަށް ބަންދުގެ މުއްދަތު ޖެހީ މަގުބޫލު އުޒުރެއް ނެތި ސިއްރުން ބޭއްވި އަޑުއެހުމެއްގައި ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވި އަޑުއެހުމެއް ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ.

މި އަހަރުގެ މާޗު މަހު ފެށި ތަހުގީގަކަށް ބިނާކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނަދީމު ހިމެނޭހެން ފަސް މީހުން ހައްޔަރުކުރީ ޑިސެމްބަރު 3، ގަ އެވެ. އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ޖެހީ 30 ދުވަހެވެ. އެ މައްސަލަ ނަދީމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އެ ކޯޓުގައި ވަނީ އިސްތިއުނާފު އަޑުއެހުންތައް ފަށާފަ އެވެ.

ނަދީމުގެ ފަރާތުން ވަކީލު އިބްރާހިމް ޝަމީލް އެދުނީ އޭނާއަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ބަންދުގެ މުއްދަތު ޖެހި މަޖިލިސް ކުރިއަށްގެންދިޔައީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ހ. އާއި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ އެ އަމުރު ބާތިލުކޮށްދިނުމަށެވެ. އެ މާއްދާގައި ބުނަނީ ހާމަކަމާއެކު އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް ވަކި ހާލަތްތަކެއްގައި ޝަރީއަތް ސިއްރުކޮށްގެން ގެންދިޔުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބެ އެވެ. ނަދީމުގެ ވަކީލު ވިދާޅުވި ގޮތުގައި އަޑުއެހުން ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ފުލުހުން އަޑުއެހުމަށް ހުށަހަޅާފައި ނުވެ އެވެ. އަދި އަޑުއެހުން ފެށިއިރު ވެސް އެއީ ސިއްރު އަޑުއެހުމެއް ކަމެއް ނޭނގޭ ކަމަށް ނަދީމުގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

"ކޯޓަށް ވެސް އެނގިވަޑައިނުގަންނަވާ އަޑުއެހުން ސިއްރުކުރި ގަޑިއެއް. ނަމަވެސް ކޯޓުން މިކަން ކުރެއްވީ، ކޯޓަށް ވެސް އެނގިވަޑައިނުގަންނަވާ. މި ވަރަށް އިންސާފުގެ ހަމަތަކާ ދުރަށް ނިންމެވުމެއް ނިންމެވޭނީ. މި އަމުރަކީ ގާނޫނާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް،" ނަދީމުގެ ވަކީލު ޝަމީލު ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 42 މާއްދާއާ ހިލާފަށް ޝަރީއަތުގެ މަޖިލިސް ކުރިއަށްގެންގޮސްފައިވުމަކީ އެ އަމުރު ބާތިލުވާނެ މިންގަނޑެއް ނޫނެވެ. އަދި ބަންދު އަމުރު ދަމަހައްޓައިދިނުމަށް ވަނީ އެދިފަ އެވެ.

"އެ މިންވަރަށް އެކަން ބަޔާންކުރަން ޖެހޭ، ނޫނީ ވިއްޔާ އެ މިންވަރަށް އެކަން ކުރަން ޖެހޭނެ ކަމަށް ބަޔާންކުރާ ގާނޫނެއް ވެސް އަދި ގަވާއިދެއް ވެސް ނެތް. ހަމައެކަނި ގަވާއިދުގައި އޮތީ އެ ނޫން ހާލަތެއްގައި ކަމުގައިވާނަމަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދެވޭނެ ކަމަށް. ހުޅުވާނުލާ ކުރިއަށްގެންދެވުނީ އެއް ފަރާތަކުން އެދިގެންކަން އެބަ ބަޔާންކުރޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ނަދީމު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގައި ފަނޑިޔާރު އޭނާގެ ކުށުގެ ރެކޯޑަށް ރިއާޔަތް ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނޯންނާނެ ކަމަށް ދިފާއުއިން ބުނެފައިވެ އެވެ. އަދި އެ ކަމަށް ދައުލަތުން އެއްވެސް ވަރަކަށް ދަށު ކޯޓުގައި ވެސް ހައި ކޯޓުގައި ވެސް އިންކާރު ކޮށްފައި ނުވާކަން ނަދީމްގެ ވަކީލު ފާހަގަކުރެއްވި އެވެ.

"ފުލުހުން އޭނާ ބަންދުކުރުމަށް އެދިވަޑައިގެން ހުށަހެޅި ފޯމުގައި ވެސް ލިބިފައިވާ ހެކި ގަރީނާގެ ގޮތުގައި ވެސް ބަޔާންކުރައްވާފައި އޮތީ ކުށުގެ ރެކޯޑު. ކުށުގެ ރެކޯޑެއް ނެތް. ކުށުގެ ރެކޯޑު ނެތީސް އެހެން ބަޔާންކުރައްވައިގެން ވެސް ހުށަހަޅައިގެން ނުވާނެ،" ޝަރީއަތުގައި ނަދީމްގެ ވަކީލު ވިދާޅުވި އެވެ.

ނަދީމުގެ މައްޗަށް ބަންދު އަމުރު ނެރުނީ އޭނާއަކީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމަށް ބަލައިގެން ކަމަށް އޭނާގެ ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތު ވަކީލު އެ ނުކުތާއަށް ރައްދު ދެއްވަމުން ވިދާޅުވީ ކުށުގެ ރެކޯޑަށް ބެލުމުގައި އެއްވެސް ހާލެއްގައި އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި އޮންނަ އޮތުމުގެ މައްޗަށް ބެލުމުގެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. ނަދީމުގެ ފަރާތުން ކުށުގެ ރެކޯޑު މާނަކުރަ ގޮތަށް މާނަކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އެ އަމަރު ނެރުނުތާ 48 ގަޑިއިރުވީއިރު ނަދީމު ހައްޔަރުނުކުރާ ކަމަށާއި ތަހުގީގަށް 10 މަސް ވެގެންދިޔައިރު ވެސް ނަދީމު ހައްޔަރުނުކޮށް ތިބުމަށް ފަހު އޭނާ ހައްޔަރުކުރުމަށް ފުލުހުންނަށް މަޖުބޫރުވީ ކީއްވެގެން ކަމެއް ދަށު ކޯޓުގައި ފުލުހުން އެއްވެސް ޖަވާބެއް ދީފައި ނުވާކަން ނަދީމުގެ ވަކީލުން ފާހަގަކުރެއްވި އެވެ.

އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ބަންދު އަމުރާ މެދު ހައި ކޯޓުން ގޮތެއް ނިންމުމެެވެ.

-------

ފޭސްބުކް، އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން އަދަދު ނޫސް ފޮލޯ ކުރައްވާށެވެ. އަދި ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ދެއްވާށެވެ.