about 2 hours 0
ލީވާން އަލީ ނާސިރު
މުޝްރިފް
about 2 hours 0
ޕީއެންސީގެ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވަން 24 ގަޑިއިރަށް ވެފައި ވަނިކޮށް، އައްޑޫ މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރެއްވި އަހުމަދު އަދީލު ނަސީރު ނަން ނެގުވުމަށް ފަހު، ވާދަވެރި ކަމެއް ނެތި ޕީއެންސީގެ ޓިކެޓު މުޝްރިފް އަލީ އަށް ދީފި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން އަދި އަދީލްގެ އާއިލާގެ މީހުން ބުނީ އަދީލު ނަން ނެގީ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ގުޅުއްވައި، ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ މުޝްރިފަށް ޓިކެޓް ދޭން ކަމަށް ސީދާ ވިދާޅުވުމުން ކަމަށެވެ.
"އަދީލު ޕްރައިމަރީ އަށް ވާދަކުރީ ވެސް ލީޑަޝިޕުން ބޭނުންވެގެން، ނަމަވެސް އިއްޔެ [ރައީސް އޮފިހުގެ މިނިސްޓަރު] އަބްދުﷲ ގުޅުއްވާފައި ވިދާޅުވީ ނަން ނެގުމަށް. ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ ނަން ނެގުމަށް ކަމަށް. އެހެންވެ، އަދީލް ނަން ނެގީ،" ޕީއެންސީގެ މެންބަރަކު ބުންޏެވެ.
"މިކަމުގެ ހިތްހަމަ ނުޖެހުން ޕާޓީތެރޭގައި އެބަ އޮތް."
ސިޔާސީ ތާރީހަށް ބަލާއިރު އައްޑޫއަކީ އިދިކޮޅު އެމްޑީޕީގެ "ކިއްލާ"އެއް ކަމަށް ވާއިރު، ޕީއެންސީގެ މި ނިންމުމުގެ ސަބަބުން މޭޔަރުގެ ގޮޑި އެމްޑީޕީއަށް ލިބޭނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ގަބޫލު ކުރެ އެވެ.
އަދީލުގެ ނަން އޭނާގެ އިހުތިޔާރުގައި ނެގީ ކަމަށް ބައެއް ނޫސްތަކުން ރޭ ފަތުރާފައި ވަނިކޮށް، އަދީލްގެ އަންހެނުންގެ ބޭބެ ފޭސްބުކްގައި އެކަން ދޮގުކުރުމަށް ފަހު ބުނީ ނަން ނެގީ ޕީއެންސީގެ ލީޑަޝިޕުން ބުނެގެން ކަމަށެވެ.
"އެ ވާހަކަ [އަދީލްގެ ނަން ނެގި ވާހަކަ] އަކީ ދޮގެއް. ޕީއެންސީން ދިޔައީ ނަން އަނބުރާ ގެނައުމަށް ބާރުއަޅަމުން. ސިޔާސީ ހަގީގަތް ވަރަށް ސާފު؛ ޕީއެންސީއަށް މޭޔަރުކަމުގެ ގޮނޑި ކާމިޔާބެއް ނުކުރެވޭނެ. މިހާރުގެ ސިޔާސީ އޮއިވަރަށް ބަލާއިރު، މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެމްޑީޕީއަށް،" އިބްރާހިމް މުހައްމަދު ދީދީ ފޭސްބުކްގައި ލިޔެފައިވެ އެވެ.
ޕްރައިމަރީން ނަން ނެންގެވުމަށް ފަހު އަދީލް ފޭސްބުކް ގައި ލިޔުއްވާފައި ވަނީ އޭނާ ޕްރައިމަރީ އަށް ވާދަ ކުރެއްވީ އައްޑޫ ސިޓީގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ކެތްމަދުވެފައި ތިބުމާއި، ޕީއެންސީގެ އައްޑޫ ސިޓީގެ މެންބަރުން ވެއެ ފުރުސަތު އޭނާއަށް ދިނުމަށް ވެސް ކެތް މަދުވެފައިވާތީ ކަމަށެވެ.
"ނަމަވެސް ކީރިތިﷲ މިވަގުތު އަޅުގަނޑަށް މިންވަރު ކުރެއްވިގޮތާމެދު އެއިލާހަށް އިންތިހާއަށް ހަމްދުކުރާހާލު، އަޅުގަނޑަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރަން. އަދި އެންމެހާ ރައްޔިތުންނާއެކު އައްޑޫގެ ތަރައްގީގެ މަސައްކަތުގައި އަޒުމު ވަރުގަދަކޮށް އަޅުގަނޑު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އަދީލު ވިދާޅުވި އެވެ.
ސިޔާސީ މައިދާނުން އަދީލް ފެނިގެން ދިޔައީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމުގެ ރަނިންމޭޓުގެ ގޮތުގަ އެވެ. މި ސަރުކާރުގައި އަދީލް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ.
ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ މިއަދު އެވެ.
Comment