11 ޑިސެންބަރު 2025 - 08:27 0
11 ޑިސެންބަރު 2025 - 08:27 0
ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އެނދު ފެންނަ އިރަށް ވެއްޓިގަނެ ނިދުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ފަރުވާ ކުޑަކޮށްލައި ނިދަން އޮންނަ ގޮތަކުން، ތިމާގެ ނާރުތަކުގެ ނިޒާމަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ އެވެ. މިހާރު ތިޔަ ނިދަން އޮންނަ ގޮތަކުން، އަނެއް ދުވަހު ހެނދުނު ހޭލެވޭ އިރު ބުރަކަށީގައި ރިއްސަފާނެ އެވެ. މާ ބޮޑަށް ބަނޑުގައި ވައި އުފެދިފައި ހުރެދާނެއެވެ. ނުވަތަ އާދަޔާ ހިލާފަށް ގުގުރިދެމޭ ގޮތް ވެދާނެ އެވެ.
ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު ވަނީ، ކޮންމެ ގޮތަކަށް އޮވެވުނަސް، އެ ގޮތަކީ އެމީހަކަށް އެންމެ އަރާމު ގޮތްކަމުގައި ވުމެވެ. ގިނަ ފަހަރަށް ވަކި ގޮތަކަށް ނިދަން އޮންނަނީ، އެ ގޮތް އަރާމުވެފައި ހިތްހަމަޖެހޭތީ އެވެ. ނަމަވެސް ސައެންސްވެރިން ބުނާ ގޮތުގައި އަރާމާއި ހިތްހަމަޖެހުމަކީ، ކަން އޮންނަންވީ ގޮތާ ހިލާފު ގޮތަކަށް ވެސް ވެދާނެ އެވެ.
ހަށިގަނޑު ހަމަނުޖެހޭ ގޮތަކަށް އޮއްވައި ނިދިއްޖެއްޔާ، މުޅި ހަށިގަނޑު އެއްވެސް ހަރަކާތެއް ނެތި އެ ގޮތަކަށް އޮންނާނެއެވެ. އެ ގޮތަށް ގިނަ ވަގުތު އޮތުމުން އެކަމުގެ ސަބަބުން ފިތިގެން ދާނީ ހަށިގަނޑުގެ ނާރުތައް އެކަންޏެއް ނޫނެވެ. ހަށިގަނޑުގެ މަސްތަކާއި ހުޅުތަކަށް ވެސް އެ ފިއްތުން ކުރިމަތިވާނެ އެވެ.
ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ނިދަން އޮންނަ އިރު ބޯޅައެއްހެން ގުޅަކެރުވިގެން އޮތުމަކީ، ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ނުވަތަ ޖަޒުބާތީ އިހުސާސްތަކެއްގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ހާލަތެއް ނޫނެވެ. ނިދަންނަ އޮންނަންވީ ރަނގަޅު ގޮތަށް ހަށިގަނޑު ބޭއްވުމަކީ، ޖިސްމާނީ ގޮތުން ކުރަންޖެހޭ ކަމެކެވެ. މީހަކު ނިދަން އޮންނަ ގޮތަކީ، އެމީހާގެ ނަފްސާނީ ހާލަތު ބުނެދޭ އަލާމާތެއް ނޫނެވެ. ނުވަތަ އޭނާގެ ސިކުނޑި ހާސްވެފައިވާ މިންވަރާއި ކަންބޮޑުވެފައިވާ މިންވަރު ބުނެދޭ ކަމެއް ވެސް ނޫނެވެ.
ނިދަން އޮންނަ އިރު ނާރު ފިތުމުގެ ނުރައްކާ ބޮޑުވަނީ އަތް ލަންބައިގެން ނުވަތަ އަތުގެ އުޅަނބޮށިން ލަނބާލައި މެޔާ ކައިރިކޮށް ކުޑަހުޅުން ވެސް ލަނބާލައިގެން (ޓީ-ރެކްސް ޕޮސިޝަން ނުވަތަ ޑައިނަސޯރ ހޭންޑްސް) އޮތުމުންނެވެ. ނުވަތަ އުޅަނބޮށިން އަތް ލަންބާލައި ބޯއަޅައިގެން އޮންނަ ބާލީސް ދަށަށް އަތްލައިގެން އެ އަތްމައްޗަށް އޮންނަ އޮތުމުންނެވެ. މިހެން އޮތުމުން ނާރު ފިތިގެން އަތް އައްސިވާ ގޮތްވެ އެވެ.
ކިޔުބިޓަލް ޓަނަލް ސިންޑްރޯމްގެ 2023 ވަނަ އަހަރުގެ މުރާޖައާގައި އިންޒާރުކޮށްފައިވާ ގޮތުގައި އުޅަނބޮށިން ވަރަށް ބޮޑަށް ލަންބާލައި އަތުގެ ނާރުތައް ފިތޭ ގޮތަށް އޮތުމުން، އުޅަނބޮށި ތެރެއިން ލާފައި އަތުގެ އިނގިލިތަކަށް ގޮސްފައި ހުންނަ މައި ނާރު (އަލްނާ ނާވް) ފިތިގެން، އަތްތިލަޔާއި އަތްދަނޑި އައްސިވާން މެދުވެރިވެ އެވެ.
އުޑުތިލަމަތިން އޮތުމަކީ މި ގޮތަށް އަތް އައްސިވުމުގެ މައްސަލައަށް އޮތް ހައްލެކެވެ. ނަމަވެސް މިހެން އޮވެ ނިދުމުން އިސާހިތަކުން ގުގުރި ދަމަން ފަށަ އެވެ. އަދި އުޑުތިލަމަތިން އޮވެ ނިދުމުން، މައިދާ އާއި ކާނާ ހިނގާ ހޮޅި ގުޅޭ ތަނުގައި އިންނަ ވޭލުގެ ބާރު ދޫވެ، މައިދާގެ ތެރޭގައި އުފެދިފައި ހުންނަ ވައި (ގޭސް)، މައިދާގެ ތެރެއިން ލާފައި ކާނާ ހިނގާ ހޮޅިން މައްޗަށް އަރާ ގޮތް މެދުވެރިވެއެވެ. މި ގޭސްތައް މައްޗަށް އެރުމުން، މޭ އަންދާ ގޮތް ވެ އެވެ.
ދެން އޮތީ ބަންޑުން އޮވެގެން ނިދުމެވެ. މިއީ އެންމެ ނުރައްކާ ބޮޑު ގޮތެވެ. މޫނު ވަތަށް އޮވެ ނިދުމުން، މުޅި މައިބަދަ އޮންނަންޖެހޭ ބައްޓަމުން މުޅިން އެހެން ބައްޓަމަކަށް ބަދަލުވެ އެވެ. މިހެންވުމުން، ބުރަކަށީގަޔާއި ކަނދުރާ އަދި ކަރާއި ކޮނޑުގައި ރިއްސަން ފަށަ އެވެ. ސަބަބަކީ، ބަންޑުން އޮވެ ނިދާކަމަށް ވަންޏާ، ނޭވާލުމަށްޓަކައި މީހާގެ ބޯ ކޮންމެވެސް އެއް ފަރާތަކަށް އަނބުރާފައި ބާއްވަން ޖެހޭތީއެވެ. ބޯ ވަތަށް ބާއްވައިފިއްޔާ ބާލީހާއެކު މޫނު ފިތި ނޭވާ ހާސްވާނެ އެވެ.
މިއީ ނުރައްކާތެރިކަން ކިތަންމެ ބޮޑު ގޮތަކަށް ވިޔަސް، ގުގުރި ދެމުން އެންމެ ކުޑައީ ބަންޑުން އޮވެ ނިދުމުންނެވެ. ހާވާޑް ޔުނިވަސިޓީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ އެއް އަރިއަކަށް އޮވެ ނިދުމެވެ. އަރިއަކަށް އޮންނަންވާނީ ވެސް، ކަކުލު ހުޅުން ކުޑަކޮށް ލަނބާލައި، މައިބަދަ އާއި ކަށިވަތް (ޕެލްވިސް) އަދި އުނަގަނޑު ސީދަލަށް ބޭއްވުމަށްޓަކައި ދެފައި ދޭތެރެއަށް ބާލީހެއް ނުވަތަ ކަންނޭލެއް ލައްވައިގެންނެވެ.
އުމުރުން ދުވަސްވަމުން ދާ ވަރަކަށް، މި ގޮތަށް ނިދުން މުހިންމެވެ. އަދި މައިބަދަ އާއި އުނަގަނޑާއި ކަށިވަތުގެ މައްސަލައެއް އުޅޭ ނަމަ، މިގޮތަށް ނިދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.
Comment