ކޮކޯ އާއި ޗޮކްލެޓަކީ ހަމައެކަނި އަނގަ ފޮނިކޮށްލަން ބޭނުންކޮށްލާ މީރު ދެ ރަހައެއް ނޫނެވެ. މި ދެ ބާވަތަކީ ވެސް އިންސާނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ މާއްދާއެކެވެ. ފަހުގެ ދިރާސާތައް ދައްކާ ގޮތުގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ކޮކޯގެ އެންމެ މުނާސަބު މިންވަރަކީ ދުވާލަކު 30-60 ގުރާމު ކޮކޯއެވެ.
މި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮކޯ ފުށަކީ، ލޭގައި ކޮލެސްޓެރޯލް އެކުލެވޭ މިންވަރު ސިއްހީ ރަނގަޅު މިންގަނޑުގައި ހިފަހައްޓައިދޭނެ ވަސީލަތެކެވެ. އޭގެ އިތުރުން ލޭގައި ހަކުރު އެކުލެވޭ ނިސްބަތް ވެސް ސިއްހީ މިންގަނޑުގެ ތެރޭގައި ހިފަހައްޓައިދިނުމަށް އެހީވެދޭނެ މާއްދާއެކެވެ. ލޭގައި ކޮލެސްޓެރޯލް އާއި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަކީ، ހިތާއި ލޭހޮޅިތަކާ ގުޅިފައިވާ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ކޮކޯއަކީ، ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބަލިން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެއް ކަމަށްވާ ތިއޮބްރޯމީން އެކުލެވޭ އެއްޗެކެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮކޯ އާއި ކޮކޯ ހިމަނައިގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކަކީ، އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިކުނޑީގެ މައްސަލަތައް – ހަނދާން ބަލިވުން، ކަންކަމަށް ސަމާލުކަން ނުދެވުން، އަވަހަށް ހަނދާން ނެތުން – މެދުވެރިވުން ލަސްކޮށްދިނުމަށް އެހީވެދޭނެ އެއްޗެކެވެ.
ވަކިން ހާއްސަކޮށް، ސިކުނޑީގެ އެފަދަ މައްސަލަތައް މެދުވެރިވުމުގެ ނުރައްކާ ބޮޑު މީހުންނަށް، ކޮކޯ އާއި ކޮކޯ ހިމަނައިގެން ތައްޔާރުކުރާ ކާބޯތަކެތީގެ މުހިންމުކަން ބޮޑެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، އާންމު ގޮތެއްގައި ކޮކޯ ބޭނުންކުރުމަކީ، އެކަމުގެ ފައިދާ ދިގުމުއްދަތަކަށް ދެމިހުންނަ ކަމެކެވެ.
ފަހުގެ ސައެންޓިފިކް ދިރާސާތައް ދައްކާ ގޮތުން، އާންމު ގޮތެއްގައި ކޮކޯ ބޭނުންކުރާ މީހުންގެ ކިބައިގައި، އެނޫން މީހުންނާ އަޅައި ބަލާއިރު ސިކުނޑީގެ ގާބިލުކަން އިތުރު ކަމަށް ބެލެވެއެވެ. ކަންކަމަށް ސަމާލުކަން ދިނުން އަވަސްވުމާއި، ސިކުނޑީގައި ރައްކާކޮށްފައި ހުންނަ މައުލޫމާތު އަވަހަށް ހަނދާނަށް ގެނައުމާއި، ހަނދާން ގަދަވުމަކީ އެފަދަ ބައެއް ކަންކަމެވެ.
މި ހޯދުންތަކުން އެނގެނީ، ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމުގަޔާއި، އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިކުނޑީގެ މައްސަލަތައް ހައްލުކުރުމުގައި، ކޮކޯއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކާނާއެއް ކަމެވެ. އެހެން ނަމަވެސް ކޮކޯ އާއި ކޮކޯ އެކުލެވޭ ކާބޯތަކެތި ބޭނުންކުރުމުގައި، އެކަމަށް ކަނޑައެޅިފައި އޮންނަ ސިއްހީ މިންގަނޑު ހަނދާނުގައި ބަހައްޓަންޖެހެއެވެ.
އެއީ އެވްރެޖް ގޮތެއްގައި ދުވާލަކު 30 ގުރާމާއި 60 ގުރާމާ ދެމެދުގެ މިންވަރެކެވެ. މިއަށް ވުރެ އިތުރަށް ބޭނުންކުރުމުން ހަށިގަނޑުގައި އިތުރު ކެލޮރީތަކެއް ޖަމާވާން މެދުވެރިވާނެ އެވެ. އެހެންވެއްޖެ ނަމަ، ސިއްހީ އެހެން މަންފާތަކަށް އެކަމުގެ ނުރަނގަޅު އަސަރުކުރުން އެކަށީގެންވެއެވެ. އެންމެ މަތީ ނިސްބަތަކަށް ކޮކޯ އެކުލެވޭ ތަކެތީގެ ތެރޭގައި ކޮކޯ ފުށް (ޕައުޑަރު)، ކޮކޯ ތޮޅި، ކޮކޯ ބަޓަރު އަދި ޑާކް ޗޮކްލެޓް ހިމެނެއެވެ.
Comment